މިދިޔަ ހަފްތާގަ ދިވެހިރާއްޖެ އިން މީސެލްސް ނުވަތަ ހިމަބިއްސަށް ފައްސިވެފައިވާ އިތުރު ދެ މީހަކު ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށް ފިއެވެ.
އެޗްޕީއޭ އިން އަންގާރާ ދުވަހު ހާމަކުރި ތަފްސީލުތަކުގައިވާ ގޮތުން މާލެ ސަރަހައްދުން މިދިޔަ ހަފްތާގައި ހިމަބިހީގެ އިތުރު 2 ކޭސް ފެނިފައިވެ އެވެ. މިގޮތުން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 22 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ދިވެހިން ކަމަށް އެ އެޖެންސީން ބުނެ އެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންކަން ވެސް ފާހަގަކުރެވެ އެވެ.
އެޗްޕީއޭ އިން ބުނަނީ ބަލިޖެހުނު މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ހިމަބިހީގެ ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުންދާކަމަށެވެ. މިހާތަނަށް 220 ކޮންޓެކްޓުންނަށް ވެކްސިން ދީފައިވާއިރު، ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 1،118 މީހަކަށް ހިމަބިހީގެ ވެކްސިން ދީފައިވެ އެވެ. އަދި 18 އަހަރުން ދަށުގެ ކުދިންގެ ވެކްސިން ޑޯޒް ފުރިހަމަ ނުވާ ކުދިންނަށް އަމަޒުކޮށް ވެކްސިން ކެމްޕެއިނެއް ދަނީ ހިންގަމުންނެވެ.
ބަލީގެ އަލާމާތްތަކާ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ހިމަބިހި ޖެހުމުން ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައި ކަމަށެވެ. އެއަށްފަހު މޭމަތި، ބުރަކަށި، އަތް އަދި ފައިގައި ބިހިތައް ނަގަން ފަށާނެއެވެ. މި ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރެނީ ބިހި ނެގުމުގެ ހަތަރު ދުވަސް ކުރިން ފެށިގެން، ބިހި ނެގުމަށްފަހު ހަތަރު ދުވަސް ހަމަވަންދެންކަން ފާހަގަކުރެވެއެވެ. މިއީ ކެއްސާ ކިނބިހި އެޅުމުގެ ތެރެއިން ވައިގެ މަގުން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ.
އެހެންކަމުން، ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލިޖެހިއްޖެކަމަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އަންގާފަ އެވެ.
ހިމަބިއްސަކީ ވެކްސިން ދީގެން ރައްކާތެރިވެވޭ ބައްޔަކަށް ވާއިރު، ބަލިޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ރާއްޖޭގައި އެމްއާރު ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ. ދިވެހިރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2017 ވަނަ އަހަރު ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް، ފަހަކަށް އައިސް މި ބަލީގެ ކޭސްތައް ރާއްޖެއިން ދަނީ ފެންނަމުންނެވެ.