ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ރާއްޖޭގައި ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން ކަމަށް ރައީސް މުހައްމަދު މުއިއްޒުގެ ހެލްތް މިނިސްޓަރ ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަންގާރަ ދުވަހު މިނިސްޓަރު ވިދާޅުވީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި ނަފްސާނީ ފަރުވާ އަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ފާއިތުވި ސަރުކާރުތަކުން އެކަމަށް ދީފައިވާ އަހަމިއްޔަތު ކުޑަވުމުގެ ސަބަބުން ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރާ ބަޔަށް ވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު، މި ސަރުކާރުގެ 3 ވަނަ ހެލްތް މިނިސްޓަރ ގީލާ ދެއްކެވި ވާހަކަފުޅުގައި ނަފްސާނީ ބައްޔަށް ފަރުވާ އެކަށީގެންވާ ގޮތެއްގައި ނުދެވޭ މައްސަލަ ކުރީގެ ސަރުކާރުތަކުގެ ބޮލުގައި އެޅުވުމަށް ވަނީ މަސައްކަތް ކުރައްވާފައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ނަފްސާނީ ބައްޔަށް ރާއްޖޭގައި އެކަށީގެންވާ ފަރުވާ ނުދެވޭކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ނަފްސާނީ ބަލިތަކަށް ފާއިތުވި ތިން އަހަރުތެރޭ 70،000 މިހުން ކޮންސަލްޓް ކުރި ކަމަށާއި އޭގެ ތެރެއިން 45،000 މީހުންނަކީ މާލެ ސަރަހައްދުން ކޮންސަލްޓް ކުރި މީހުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ގުރައިދޫގައި ޤާއިމްކޮށްފައިވާ މަރުކަޒުގައި ތިބި 60 މީހުންނަށް ފަރުވާދެވި، އަނބުރާ މުޖުތަމަޢަށް ނެރެވިފައިވާ ކަމަށެވެ. މެންޓަލް ހެލްތު ހެލްޕް ލައިނަށް މިދިޔަ އަހަރު 10،000 އަށްވުރެ ގިނަ ކޯލު ލިބި، ފަރުވާ ދީފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުން މިކަމުގައި ހޯދި ކާމިޔާބު ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ނަފްސާނީ މައްސަލައިގެ ހާލަތައް ހުށަހެޅޭ މީހާ އަށް ފުރަތަމަ މަރުހަލާ އެއްގައި ބަޔަކާ ވާހަކަ ދައްކާލާނެ ފުރުސަތު މިހާރު ފަހިކޮށްދެވިއްޖެ ކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ނަފްސާނީ ބަލީގެ ފަރުވާގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.