ދިވެހި ވިޔަފާރިވެރިންނަށް ދައްކަންޖެހޭ އެއް
އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބިލުތަކުގެ ތެރެއިން 99 އިންސައްތަ ބިލުތަކަކީ
އިދާރީ މައްސަލަތައް ހުރުމުގެ ސަބަބުން ފައިސާ ދެއްކުން ލަސްވި ބިލުތަކެއްކަމަށް
ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން
އެހެން ބުނެފައިވަނީ، އެ މިނިސްޓްރީއަށް ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިއެއްގެ
ޖަވާބުގައެވެ. އެގޮތުން ރާއްޖެޓީވީން ކުރި ސުވާލަކީ އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ 1 އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުރި ފައިސާ އެބަހުރިތޯއާއި، އަދި އެއީ ކިހާވަރެއްތޯއެވެ.
މިއީ
ރާއްޖެޓީވީން 24 ޖޫން 2025 ގައި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި އާރްޓީއައިއެކެވެ.
އެ އާރްޓީއައި ހުށަހެޅިތާ އަހަރެއް ފަހުން މިނިސްޓްރީން
ދިން ޖަވާބުގައި ބުނެފައިވަނީ، 24 ޖޫން 2025 ގެ ނިޔަލަށް ދިވެހި
ވިޔަފާރިވެރިންނަށް ދައްކަންޖެހިފައި ހުރި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ
ބިލުތަކުގެ ފައިސާގެ އަދަދަކީ 95 މިލިއަން ރުފިޔާ ކަމަށެވެ. އަދި އޭގެ ތެރެއިން 50
އިންސައްތައަށްވުރެ ގިނަ ބިލުތަކަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހުށަހަޅާފައިވާ
ބިލުތަކެއްކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، ދިވެހި ވިޔަފާރިވެރިންނަށް ދައްކަންޖެހޭ
އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބިލުތަކުގެ ތެރެއިން 99 އިންސައްތަ
ބިލުތަކަކީ އިދާރީ މައްސަލަތައް ހުރުމުގެ ސަބަބުން ފައިސާ ދެއްކުން ލަސްވި ބިލުތަކެއްކަމަށްވެސް
މިނިސްޓްރީގެ ޖަވާބުގައި ބުނެފައިވެއެވެ. އަދި އެ ބިލުތަކަށްވާ ފައިސާ މިހާރު ދައްކާ
ޚަލާސް ކުރެވިފައިވާކަންވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓްރީން
މި ޖަވާބު ދީފައިމިވަނީވެސް އާރްޓީއައިއަށް ޖަވާބު ނުދީގެން ރާއްޖެޓީވީން
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމްއަށް) ޝަކުވާ ހުށަހެޅުމުންނެވެ. ޖަވާބު ދިނުން ލަސްވި ސަބަބެއްކަމަށް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ، އާރްޓީއައި ހުށަހެޅި ދުވަސްވަރު މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ބަދަލުވެގެން އިދާރީ ދަތިތަކެއްގެ ސަބަބުން ލަސްވީ ކަމަށެވެ.
މީގެ އިތުރުން، މިނިސްޓްރީން
ފުރަތަމަ ދީފައިވަނީވެސް ރާއްޖެޓީވީން ކުރި ސުވާލުގެ ޖަވާބެއް ނޫނެވެ. އެގޮތުން މިނިސްޓްރީން ފުރަތަމަ ޖަވާބު ދިންއިރު ހިއްސާކޮށްފައިވަނީ މި ހިނގަމުންދާ 2026 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އަމިއްލަ ވިޔަފާރިތަކަށް ދައްކާފައިވާ ޖުމުލަ ފައިސާގެ އަދަދެވެ.
އެ މުއްދަތުގައި 2.3 ބިލިއަން ދިވެހި ރުފިޔާ ދައްކާފައިވާކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެ ބިލުތަކުގެ ތެރެއިން އޮޑިޓް ކްލިއަރެންސް ނުލިބުމުގެ ސަބަބުން ފައިސާ ނުދެއްކި ލަސްވާ ބިލުތަކަށް އޮޑިޓަރ ޖެނެރަލްއާ މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދަމުންދާކަމަށާއި، އެއީ މިހާރު ކުރިއަށްދާ މަސައްކަތަކަށްވާތީ އެކަމުގެ އިތުރު ތަފްސީލީ މައުލޫމާތު ދެވެން ނެތްކަމަށްވެސް ޖަވާބުގައި ބުނެފައިވެއެވެ.
އެހެންވެ ރާއްޖެޓީވީން އަނެއްކާވެސް އެދުނީ
ކޮށްފައިވާ ސުވާލުގެ ޖަވާބު ފޯރުކޮށްދިނުމަށެވެ. އެގޮތަށް އައިކޮމްއިންވެސް
ފިނޭންސް މިނިސްޓްރީއަށް ވަނީ އަންގާފައެވެ. އެހެންވެ، އައިކޮމްގެ އެންގުމުގެ
މަތިން ފިނޭންސުން އަލުން ޖަވާބު ފޮނުވީއެވެ.