ފައިސާ
ޚަރަދުކުރި ގޮތުގެ އެއްވެސް ތަފްސީލެއް ނެތި، ޑިޖިޓަލް ނިޒާމު ޤާއިމު
ކުރުމަށްކަމަށް ބުނެ މިދިޔަ އަހަރު ބަޖެޓު ފޮތުގައި ނުލިޔެ، 600 މިލިއަން ރުފިޔާ ބޭނުންކޮށްފައިވާ
ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު
އެފަދައިން ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ޑިޖިޓަލް އައިޑެންޓިޓީ ބިލާ ގުޅޭގޮތުން
އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބިލާ ގުޅޭގޮތުން
ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖެއިން ޑިޖިޓަލް ޤައުމީ ނިޒާމެއް އެކުލަވާލަން
ބަލާއިރު، ދުނިޔޭގެ އެކި މޮޑެލްތަކުގެ ތެރެއިން ރާއްޖެއިން މިހާރު ނަގާފައިވާ މޮޑެލްއަކީ
އެސްޓޯނިއާގެ މޮޑެލް ކަމަށެވެ.

އެހެންނަމަވެސް،
ރާއްޖޭގައި މިހާރު އޮތް މޮޑެލްގައި މި އޮންނަނީ ހުރިހާ މައުލޫމާތެއް އެއް ތަނަކަށް
ޖަމާކުރާ ގޮތަށް ކަމަށާއި، އެއީ ރިސްކް ބޮޑު މޮޑެލްއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަބަބަކީ މީހެއްގެ އައިޑީކާޑުގެ މައުލޫމާތު ލިބޭއިރަށް އެމީހެއްގެ ސިއްޙީ މައުލޫމާތާއި،
ބޭންކިންގ މައުލޫމާތާއި، ހުރިހާ މައުލޫމާތެއް އެއް ތަނަކަށް ޖަމާވެ، ވަކި ވަޒީރަކަށް
އެ ބާރުތައް އެއްވާ ގޮތަށް އޮންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަން
އެހެން އޮތުމުން، ވަޒީރު ބޭނުންވާއިރަށް މީހަކާބެހޭ ހުރިހާ މައުލޫމާތެއް ވަޒީރަށް ބަލާލެވޭ
ކަމަށާއި، އަދި މި ނިޒާމުގައި ރައީސްގެ ދައުރުވެސް އެބައޮތް ކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ.
ސަބަބަކީ ޑިޖިޓަލް ގަވަރނަންސް ކޮމިޓީގެ އިސް ބޭފުޅަކަށް ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާ
ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވީމާ
މިއީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި، މި ނިޒާމުގެ ނަހަމަ ބޭނުން ނުހިފޭނެކަން ކަށަވަރުކޮށް،
ރެގިއުލޭޓު ކުރެވޭނެ ގޮތްތަކެއް އަންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮތް މޮޑެލްގައި މި އޮންނަނީ ހުރިހާ މައުލޫމާތެއް އެއް ތަނަކަށް ޖަމާކުރާ ގޮތަށް، އެއީ ރިސްކް ބޮޑު މޮޑެލްއެއް، ސަބަބަކީ މީހެއްގެ އައިޑީކާޑުގެ މައުލޫމާތު ލިބޭއިރަށް އެމީހެއްގެ ސިއްޙީ މައުލޫމާތާއި، ބޭންކިންގ މައުލޫމާތާއި، ހުރިހާ މައުލޫމާތެއް އެއް ތަނަކަށް ޖަމާވެ، ވަކި ވަޒީރަކަށް އެ ބާރުތައް އެއްވާ ގޮތަށް އޮންނާތީ، އެހެންވީމާ، ވަޒީރު ބޭނުންވާއިރަށް މީހަކާބެހޭ ހުރިހާ މައުލޫމާތެއް ވަޒީރަށް އެބަ ބަލާލެވޭ، އަދި މި ނިޒާމުގައި ރައީސްގެ ދައުރުވެސް އެބައޮތް، ސަބަބަކީ ޑިޖިޓަލް ގަވަރނަންސް ކޮމިޓީގެ އިސް ބޭފުޅަކަށް ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާ، އެހެންވީމާ މިއީ އަޅުގަނޑުމެންގެ ބޮޑު ކަންބޮޑުވުމެއް، މި ނިޒާމުގެ ނަހަމަ ބޭނުން ނުހިފޭނެކަން ކަށަވަރުކޮށް، ރެގިއުލޭޓު ކުރެވޭނެ ގޮތްތަކެއް އަންނަންޖެހޭ،
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު 

މީގެ އިތުރުން،
ބަޖެޓު ފޮތުގައި ނުލިޔެ، އަހަރު ނިމިގެން ދިޔައިރު މިފަދަ ނިޒާމަކަށް 600 މިލިއަން
ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް 45 މިލިއަން
ޑޮލަރު ކަމަށާއި، މި ފައިސާ ޚަރަދުކުރީ ކޮން ކަމަކަށްކަން، އަދި ގަތީ ކޮން އެއްޗެއްކަން
އެނގޭކަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

‏‏ ބަޖެޓު ފޮތުގައި ނުލިޔެ، އަހަރު ނިމިގެން ދިޔައިރު މިފަދަ ނިޒާމަކަށް 600 މިލިއަން ރުފިޔާ ވަނީ ބޭނުންކޮށްފައި، އެއީ ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު، މި ފައިސާ ޚަރަދުކުރީ ކޮން ކަމަކަށްކަން، އަދި ގަތީ ކޮން އެއްޗެއްކަން އެނގޭކަށް ނެތް.
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު 

ޑރ ޝަމްހީދު
އިތުރަށް ވިދާޅުވީ، މި ސަރުކާރުން ދިވެހި ދައުލަތުގެ ތެރޭގައި ޔަހޫދީންނަށްވެސް ދައުލަތެއް
ހަދާފައިވާ ކަމަށެވެ. އަދި ދިވެހިންނަށްވުރެވެސް މާ ތަނަވަސްކަމާއި ހަމަޖެހުމާއެކު
ޔަހޫދީންނަށް މި ރާއްޖޭގައި އުޅެވޭނެ ނިޒާމެއް މި ސަރުކާރުން އެކުލަވާލާފައިވާ ކަމަށްވެސް
އޭނާ ވިދާޅުވިއެވެ.

އެގޮތުން
އެސްއީޒެޑުގެ ނަމުގައި ރާއްޖޭގެ ބައެއް ބޭރުގެ ބަޔަކަށް ވަނީ ވިއްކާލާފައިވާ ކަމަށާއި،
އެސްއީޒެޑުގެ ނަމުގައި ތަރައްޤީ ކުރުމަށް ޔަހޫދީންނަށް ހުޅުވާލާފައިވާ ކަމަށް ޑރ ޝަމްހީދު
ތުހުމަތުކުރެއްވިއެވެ. އަދި ރާއްޖޭގެ ސިޓިޒަންޝިޕް މާކެޓު ކޮށްފައި އެކި ތަންތަނުގައި
އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް
ރިޔާސަތުން ވަނީ އެ ވާހަކަ ދޮގު ކުރައްވާފައެވެ. އެގޮތުން އެސްއީޒެޑުގެ ނަމުގައި ރާއްޖޭގެ
ބައެއް ބޭރުގެ ބަޔަކަށް ވިއްކާލާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ދޮގު
ވާހަކައެއްކަމަށް ރިޔާސަތުން ފާހަގަކުރިއެވެ.