ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ހޯދައި ހައްޔަރުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާ، އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.
މި މައްސަލައާ ގުޅިގެން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ، ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ. އޭނާއަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ މީހެކެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން އިޒްޔާން ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އޭނާ ރާއްޖެއިން ފުރައިގެން ދިޔަ ފަހުން މިހާތަނަށް އުޅޭ ވަކި ތަނެއް އެނގިފައި ނުވާތީ، އޭނާ ހޯދުމަށް ބައިނަލްއަގުވާމީ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައެވެ.
އިންޓަޕޯލް ރެޑް ނޯޓިސްއަކީ ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް ހޯދައި، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކުރުމަށް މަގުފަހިކުރުމަށް ނެރޭ ނޯޓިސްއެކެވެ. މިފަދަ ނޯޓިސްތައް އާންމުކުރަނީ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ހޯދަންޖެހޭ މީހުންގެ މައުލޫމާތު ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ސަލާމަތީ ބާރުތަކަށް ފޯރުކޮށްދިނުމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއްކަން އެ އިދާރާއިން ފާހަގަކުރެއެވެ.