އައިޖީއެމްއެޗްގައި
ހުންނަ މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި
މީހުން ގިނަވުމުންކަމަށް ސިއްހަތާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ
މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން
ވަޒީރު ވިދާޅުވީ، އައިޖީއެމްއެޗުގެ މެންޓަލް ހެލްތު ޑިޕާޓްމަންޓަކީ ވަރަށް މަދު އަދަދެއްގެ
އެނދާއެކު އެނދުމަތި ކޮށްގެން ދެވޭނެ ފަރުވާތައް ވެސް ދެމުން އަންނަ ތަނެއް ކަމަށާއި،
އެކަމަށް ފަރުވާ ބޭނުންވާ މީހުންގެ އަދަދުތަކާ އެއްވަރަށް އެތަނުން ހިދުމަތް ނުދެވޭކަމަށެވެ.

ވަޒީރު ވިދާޅުވީ
މިވަގުތު ސެންޓާ ފޯ މެންޓަލް ހެލްތު މަރުކަޒު ހުރީ މިވަރުގެ ވޯކްލޯޑެއް ނުވަތަ މިވަރުގެ
ޕޭޝަންޓުންތަކަކަށް ފަރުވާ ކުރެވޭ ގޮތަކަށް ނޫންކަމަށެވެ. 2023 ވަނަ އަހަރުން 2025
ގެ ނިޔަލަށް ރާއްޖޭގައި ޖުމްލަ 70،000 މީހުން ސައިކޭޓްރިސްޓް ފަރުވާ ހޯދިއިރު، އޭގެ
ތެރެއިން 45،000 މީހުން ސިއްހީ ފަރުވާ ހޯދީ މާލޭ ސަރަހައްދުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ސަރަހައްދަށް
އެފަދަ ވަކި ހޮސްޕިޓަލެއް މުހިއްމުކަން އެ ނަމްބަރުތަކުން ސާފުވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި މާލޭ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް އަޅަން ޖެހެނީ
ގިނަ ވަސީލަތްތައް މާލޭގައި ހުރުމުންނާއި، މިފަދަ ބަލި މީހުންނަށް ބޭނުންވާ ތަފާތު
އެހެން ޓެސްޓުތަކާއި އެ ކުރަންޖެހޭ ފަރުވާތައް ވެސް ޖަމާވެފައި ވަނީ އެއްތަނަކަށް މާލެ
ސަރަހައްދަށް ކަމަށްވާތީއެވެ.

އެހެންވެ،
އަތޮޅު ތެރޭގެ ބަދަލުގައި މާލޭގައި ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށް
ވަޒީރު ވިދާޅުވިއެވެ. އެގޮތުން ނަފްސާނީ
ފަރުވާގެ ހޮސްޕިޓަލެއް ހުޅުމާލޭގައި އިމާރާތްކުރުމަށް ސަރުކާރުން ނިންމައި، އެކަމަށް
ހަމަޖެހިފައިވާ ތަނަކަށް ތަގަނޑަކަށް 10،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދީފައިވާކަމަށް
މިނިސްޓަރ ވިދާޅުވިއެވެ.

މިއީ މި ސަރުކާރުން
ކުރިން ލ. ގަމުގައި އިމާރާތް ކުރަން ނިންމި ހޮސްޕިޓަލެކެވެ.

ވަޒީރު ވިދާޅުވީ
މެންޓަލް ހެލްތު ހޮސްޕިޓަލަކީ ކުރިއަށް އޮތްތަނުގައި ވަރަށް ޒަމާނީ ވަސީލަތްތަކާއެކު
އަދި އެތަނެއްގައި ފަރުވާ ހޯދަމުންދާ ބަޔަކަށް ވަރަށް ފުރިހަމަ ސިއްހީ ފަރުވާއެއްގެ
ގޮތުގައި ފޯރުކޮށްދެވޭނެ ހިދުމަތެއް ކަމަށެވެ.