އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. 

އީސީ ގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް ޝަކީލްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި އިރު އެ މައްސަލަ ދިރާސާ ކޮށްފައި ވަނީ ރައްޔިތުންގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިންނެވެ. އެ ކޮމިޓީ އިން ހޯމަ ދުވަހު ޝަކީލް އާ އިންޓަރވިއު ކޮށްފައިވާއިރު، އެ ކޮމިޓީގެ އިއްތިފާގުން ވަނީ އޭނާ އަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމާފަ އެވެ. 

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެ ކޮމިޓީ ރިޕޯޓް ހުށަހަޅައި، އޭނާ އަށް މަޖިލީހުގެ ރުހުން ދިނުމަށް ފެނޭތޯ ވަނީ ވޯޓަށް އަހާފަ އެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އަޣުލަބިއްޔަތުން އީސީ ގެ މެންބަރު ކަމަށް ޝަކީލް އައްޔަނު ކުރުމަށް ފެންނަ ކަމަށް މަޖިލީހުން ވަނީ ފާސް ކޮށްފަ އެވެ. އެ ކަމާ ދެކޮޅަށް 7 މެންބަރުން ވޯޓު ދެއްވި އެވެ. 

މުހައްމަދު ޝަކީލަކީ މީގެކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މީގެ ކުރިން އެ ކޮމިޝަނުގެ މެންބަރުކަމާ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ފުރުއްވާފަ އެވެ. 

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒާހިދު ވަނީ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގެ އިތުރުން މެންބަރުކަމުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.

އީސީގެ މެންބަރުކަމުގައި ކުރިން ހުންނެވި ޒާހިދު އެ ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރެއްވީ 26 ޖެނެއަރީ 2025 ގަ އެވެ. އޭނާ އަކީ މިނިވަން މުއައްސަސާތަކުގެ ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ފުރަތަމަ ރައީސެވެ. ނަމަވެސް، ރެފަރެންޑަމް ވޯޓާއި ކައުންސިލު އިންތިޚާބުގެ ނަތީޖާ އިއުލާނުކުރިތާ މާ ގިނަ ދުވަހެއް ނުވެ އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ކޮމިޓީން ޝަކީލަށް ރުހުން ދިނުމަށް ނިންމި ނިންމުން ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. މަޖިލީހުގެ ތަޅުމުން މި މައްސަލައަށް ވޯޓަށް އަހައި، ޝަކީލް އައްޔަންކުރުމަށް ފާސްވެއްޖެނަމަ، އޭނާ އެ މަގާމަށް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.