ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށާއި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ނަމުގައި ސިނގިރޭޓާއި ދުންފަތުން ނަގާ ޑިއުޓީ އިންތިހާއަށް ބޮޑުކޮށް، އެ ނިންމު ބަދަލު ނުކުރާނެ ކަމަށް ބުނުމަށް ފަހު އަނެއްކާ ވެސް ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ނިންމި ސަބަބު ހާމަ ކޮށްދޭން ހެލްތު މިނިސްޓަރު ގީލާ އަލީ ދެކޮޅުހައްދަވައިފި އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ގީލާ މަޖިލީހަށް ހާޒިރު ކޮށްފައިވާއިރު ސުވާލު ކުރުމުގެ ވަގުތުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ސަރުކާރުން ސިނގިރޭޓާއި ދުންފަތުން ނަގާ ޑިއުޓީ ކުޑަކުރަން ނިންމި ސަބަބާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ. 

މެންބަރު ވިދާޅުވީ ސަރުކާރުން ވަރަށް ފަޚުރުވެރިކަމާއެކު ސިނގެރޭޓްގެ އަގުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ސިއްހަތަށް ވަރަށް ބޮޑު ފައިދާތަކެއް ކުރި ކަމަށް މިއަދާ ހަމައަށް ބުނަމުން އައި ކަމަށެވެ. އެހެން ނަމަވެސް މިއަދު ކުއްލިއަކަށް ޑަބްލިއުއެޗްއޯ އިން ނިންމި ނިންމުމެއް ކަމަށް ބުނެ ދުންފަތް އަގު ހެޔޮ ކުރަން ނިންމި އިރު ސަރުކާރަށް މިއަދު މުހިއްމީ ޑަބްލިއުއެޗްއޯތޯ ނުވަތަ ރައްޔިތުންގެ ސިއްހަތު ތޯ މެންބަރު ސުވާލު ކުރެއްވި އެވެ. އަދި ސިނގިރޭޓާއި ދުންފަތުގެ އަގު ހެޔޮ ކުރަނީ ކޮންގޮތަކަށް ވިސްނުމަށްފަހުގައި ތޯ މެންބަރު ސުވާލު ކުރެއްވި އެވެ. 

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ ސުވާލަށް ޖަވާބުދެއްވުމަށް ތައްޔާރުވެވަޑައިގެންފައި ނުވާ ކަމަށެވެ. އެހެން ކަމުން ފަހުން އެ ސުވާލުގެ ޖަވާބު ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު އެ ސުވާލަށް ތައްޔާރުވެފައި ނެތް ކަމަށް ވިދާޅުވެ، ސުވާލަށް ޖަވާބުދެއްވުމަށް ދެކޮޅު ހައްދަވާފައިވާއިރު ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާ ލިބިފައިވާ ކަމަށާ އެކަމާ ގުޅިގެން މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިނިސްޓަރު ގީލާ އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެހެންކަމުން އެކަމުގެ ތަފްސީލް މިނިސްޓަރަށް އެނގިވަޑައިގަންނަވާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފަ އެވެ. 

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތައިން ކުޑަ ކުރުމަށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފަ އެވެ. ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ މި ބިލު ހުށަހަޅުއްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް އެވެ. 

މެންބަރު ހުށަހެޅުއްވި ބިލުގައި ބުނީ ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ އެކްސްޕޯޓް އިމްޕޯޓް ގެ ގާނޫނުގެ ދަށުން ސިނގިރޭޓަކުން ނަގާ ޑިއުޓީ އަކީ 4 ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 އިންސައްތަ ކަމަށް ހަމަޖެއްސުން ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ޚާއްސަކޮށް ތައްޔާރު ކޮށްފައިވާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗުގެ އިތުރުން އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ކަމަށެވެ.

ބިލުގައި ވަނީ ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގަމުން އައި 50 ޕަސެންޓް، 30 ޕަސެންޓަށް އަދި ސްޓިކަކުން ނަގާ 8 ރުފިޔާ 4 ރުފިޔާއަށް ކުޑަކުރަން ހުށަހަޅާފަ އެވެ. 

2024 ވަނަ އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން ސަރުކާރުން ނިންމީ ސިނގިރޭޓުން ނަގާފީ 50 އިންސައްތަ އަދި ކޮންމެ ސިނގިރޭޓަކުން 8 ރުފިޔާ ބޮޑުކުރުމަށެވެ. އަދި ބިޑިން 50 އިންސައްތަ އަދި ކޮންމެ ބިޑިއަކުން 8 ރުފިޔާ އިތުރުކުރުމަށާއި، އީސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވަރ އިން 50 އިންސައްތަ އަދި މިލިލީޓަރަކަށް 8 ރުފިޔާ ބޮޑުކޮށްފައި ވެ އެވެ.

އޭގެ އިތުރުން ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން 50 އިންސައްތަ އަދި ކޮންމެ ސްޓިކަކުން 8 ރުފިޔާ ވަނީ އިތުރު ކޮށްފަ އެވެ. 

ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން ސަރުކާރުން ނިންމި އިރު، ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ މަހެއްހާ ދުވަސް ނުވަނީސް، އެ ނިންމެވުމާ ދެކޮޅަށް ސަރުކާރުން "ޔޫޓާން" އެއް ނެގުމާ ގުޅިގެން އާންމު ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސަރުކާރުން ކޮންމެ ކަމެއްގައިވެސް ޔޫޓާން ނަގަމުންދާކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ. 

މީގެ އިތުރުން، ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމަށްފަހު އަލުން ކުޑަކުރަން އުޅުމަކީ ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށްވެސް ގިނަ ބަޔަކު ފާހަގަކުރެ އެވެ.