އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ މޭރީގެ ފިރިމީހާ މާވިން އެސްވައި އާއި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ހުކުމް ކުރުން އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުވާ ކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނީ  ހޯމަ ދުވަހު އެވެ.

މި މައްސަލައިގައި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މި ކުށް ސާބިތުވުމާ ގުޅިގެން، އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާގެ މައްޗަށް ތިން ދައުވާ އެއް ސާބިތުވެފައިވެ އެވެ. އެއީ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާ އެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމަކީ އެންމެ މަތީ ދަރަޖައިގެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީހަކު މެރުމަށް ރޭވުމާއި، އެކަމަށް ހިތްވަރު ދިނުމާއި، ނުވަތަ އެކަން ކުރުމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމަކީ ކުށެއް ކަމަށްވާއިރު، މި ކުށުގެ އަދަބެއްގެ ގޮތުން އުމުރަށް ޖަލަށްލުން ނުވަތަ މަރުގެ އަދަބު ކަނޑައެޅުމުގެ އިޚްތިޔާރު ޤާނޫނުން ލިބިދެ އެވެ.

ލަމްހާގެ މައްޗަށް ސާބިތުވި އެހެން ދައުވާތަކަށް ބަލާއިރު، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށަށް ކަނޑައެޅޭ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލައިގެ ޝަރީޢަތް ނިމެންދެން މާވިން އާއި ލަމްހާވެސް ތިބީ ބަންދުގަ އެވެ.