އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވީ މުހައްމަދު ޝަކީލަށެވެ. އެގޮތުން ޝަކީލަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވީ މި ހިނގާ ޖޫން މަހުގެ ނުވަވަނަ ދުވަހު އެވެ. މި މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ތަޅުމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

މުހައްމަދު ޝަކީލަކީ މީގެކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މީގެ ކުރިން އެ ކޮމިޝަނުގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ. 

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒާހިދު ވަނީ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގެ އިތުރުން މެންބަރުކަމުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.

އީސީގެ މެންބަރުކަމުގައި ކުރިން ހުންނެވި ޒާހިދު އެ ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރެއްވީ 26 ޖެނެއަރީ 2025 ގަ އެވެ. އޭނާ އަކީ މިނިވަން މުއައްސަސާތަކުގެ ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ފުރަތަމަ ރައީސެވެ. ނަމަވެސް، ރެފަރެންޑަމް ވޯޓާއި ކައުންސިލު އިންތިޚާބުގެ ނަތީޖާ އިއުލާނުކުރިތާ މާ ގިނަ ދުވަހެއް ނުވެ އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ކޮމިޓީން ޝަކީލަށް ރުހުން ދިނުމަށް ނިންމި ނިންމުން ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. މަޖިލީހުގެ ތަޅުމުން މި މައްސަލައަށް ވޯޓަށް އަހައި، ޝަކީލް އައްޔަންކުރުމަށް ފާސްވެއްޖެނަމަ، އޭނާ އެ މަގާމަށް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.