ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަނީ މޯލްޑިވްސް 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ކަމަށާއި، މިއީ ރޭވިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭގެ ފަލަސުރުހީ ޕްރޮގްރާމްގައި ވަކީލު އާސިފް ވިދާޅުވީ މިސަރުކާރުން މޯލްޑިވްސް 2.0 މެދުވެރިކޮށް، ގެންނަ ޑިޖިޓަލައިޒޭޝަންއަކީ ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުމެއް ކަމަށާއި، އެއީ މިސަރުކާރުގެ ބޭފުޅުން ވަކި ކަމެއް ނުވަތަ ވަކި މަގުސަދެއް ހާސިލް ކުރުމަށް ކުރާ ކަމެއް ކަމަށެވެ. 

އެގޮތުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ 2.0އާއެކު ޑިޖިޓަލް ކުރެވި ޚިދުމަތްތައް ރަނގަޅުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ހަގީގީ މަގުސަދު ނޫން ކަމާއި، މިއީ ދުރާލާ ރޭވިގެން ވަރަށް ރޭވުންތެރިކަމާއެކު ރައްޔިތުންނަށް ދައްކާ ދަޅައެއް ކަމަށެވެ. 

މީގެ އިތުރުން އާސިފް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރައްވަނީ ރައީސް މުއިއްޒުގެ ބޭފުޅެއް ކަމަށާއި، އެކޮމިޝަން މިނިވަން ނުވާނެ ކަމަށެވެ.

2.0 އަކީ އެއީ ހަގީގަތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނަގަން އެނގޭތޯ ވަރަށް ދުރާލާ ހަގީގަތުގައި މި ރައްޔިތުންނަށް ދައްކާފައި އޮތް ދަޅައެއް ގޮތުގައި އަޅުގަނޑު ސިފަ ކުރާނީ. އޭގެ އެއް ނިޝާން ދާދިފަހުން ފެނިގެން އެދިޔައީ. އެއީ ވެރިކަން ކުރާ ޕީއެންސީގެ ރަޖިސްޓްރާ އަށް ހުރި ބޭފުޅެއް މިހާރު އިލެކްޝަން ކޮމިޝަނަށް އެ ލަނީ. އިލެކްޝަން ކޮމިޝަންގެ ރައީސް އަކަށް ނޫނިއްޔާ ނައިބު ރައީސްއަކަށް ލިޔަސް މިސާލަކަށް ރައީސް އަކަށް ކަމަށް ބޮޑަށް ބެލެވެނީ. އެބޭފުޅާ ވާނެ އެތަނަށް އައްޔަން ކޮށްފިއްޔާ ހައްޖު ކޯޕްރޭޝަންގައި އެންމެފަހުން ހުންނެވީ. ދެން 2.0އަކީ ކޮން އެއްޗެއްކަން މިދެންނެވި ރައްޔިތުންނަށް ހަގީގީ މަންޒަރު ފެނިގެންދާނެ ދުވަހަކަށް. 
ގާނޫނީ ވަކީލު އާދަމް އާސިފް 

އެހެންކަމުން ކުރިއަށް އޮތްތަނުގައި އިލެކްޝަން ކޮމިޝަންގައި ގޮތް ނޭނގޭ އެތައް ކަމެއް ހިނގާނެ ކަމަށް އާސިފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެކަމާ ދެކޮޅަށް ރައްޔިތުން މަގު މައްޗަށް ނުކުމެ މުޒާހަރާ ކުރާ މަންޒަރު ފެންނާނެ ކަމަށެވެ.