ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްދަވާ ދޮގުތަކަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ ކަމަށާއި، މިސަރުކާރުން ހައްލު ކުރުމަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލައަކީ ވެސް ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭގެ ފަލަސުރުހީ ޕްރޮގްރާމްގައި ވަކީލު މުސްތަފާ ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެމަނިކުފާނު ހައްދަވާ ދޮގުތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެ ދޮގުތަކުގެ މައްޗަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ ކަމަށެވެ.

މިސަރުކާރުން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ މައްސަލަތައް ފާހަގަކުރައްވައި ވަކީލު މުސްތަފާ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގައި އިހުލާސްތެރި މަސައްކަތްތަކެއް ނުކުރާ ކަމަށާއި، އެއީ ވެސް ހިންގާ ޖަރީމާއެއް ކަމަށެވެ. 

އެގޮތުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން، ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ކޮށްފައިވާ ބޮޑެތި ތުހުމަތުތައް އޭނާ ފާހަގަކުރެއްވި އެވެ. މުސްތަފާ ވިދާޅުވީ ބިދޭސީންގެ ކޯޓާގެ މައްސަލާގައި ރިޝްވަތު ނަގާކަމުގެ ތުހުމަތު ކޮށްފައިވާއިރު، ބިދޭސީންގެ ޑޭޓާ ސާވޭއިން ގެއްލުމަކީ ވެސް އިއްތިފާގެއް ކަމަށެވެ. އަދި ވިދާޅުވީ ކޯޓާގެ މައްސަލާގައި ރިޝްވަތު ދީގެން ކޯޓާ ލިބޭ ކަމަށް ބައެއް ވިޔަފާރިވެރިން ވެސް ބުނަމުންދާ ކަމަށެވެ.

މީގެ އިތުރުން މުސްތަފާ ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ވެސް ދިވެހީންގެ އައިޑެންޓިޓީ ވަގަށް ނަގާފައިވާ ކަމަށެވެ. މިފަދަ ބޮޑެތި ތުހުމަތުތަކެއް މިނިސްޓަރު އިހުސާންގެ މައްޗަށް ކުރެވޭއިރު، އެބޭފުޅާ އިސްވެ ހުންނަވައި ބިދޭސީންގެ މައްސަލަ މިގައުމުގައި ހައްލު ނުވާނެ ކަމަށެވެ. 

ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯމްލޭންޑް ސެކިއުރިޓީއޭ ކިޔާފައި ވަކި ވުޒާރާއެއް އުފައްދާފައި އެ ވުޒާރާގެ ދަށަށް މި ބިދޭސީންގެ ކަންތައް މިދިޔައީ. ބިދޭސީންގެ ކަންތައް ދިޔައިރު އެވުޒާރާއިން ޚާއްސަކޮށް ރައީސް މުއިއްޒު ވެސް ވަރަށް ބޮޑަށް އިސްކަމެއް ދެއްވި ކަމެއް އެއީ ބިދޭސީންގެ ވަނަވަރާއި އައިޑެންޓިޓީ ރައްކާތެރިކޮށް ބަލަހައްޓާ، ދިވެހިރާއްޖޭގައި މިތިބެނީ ކޮންބައެއްތޯ ކިހިނެއް މަސައްކަތް ކުރާ ބައެއްތޯ ބެލުމަށް. ދެން އެހެންވެ އަޅުގަނޑުމެންނަށް ފެނުނު ބޮޑެތި ސަފުތަކެއް ހަދައިގެން ބިދޭސީން ލައްވާ އެމީހުންގެ ފިންގަރ ޕްރިންޓްސް ނަގުވާ މިކަންތައް ކުރިތަން. އެހެންނަމަވެސް އެއްފަހަރު ކޮށްފައި ހަމަ ސާވާގައި ހުއްޓާ އޭތި ގެއްލިގެން ދިޔައީ. އަނެއްކާ ދެވަނަ ފަހަރަށް ވެސް ނަގަން ޖެހުނީ.
ގާނޫނީ ވަކީލު މުސްތަފާ ހަމީދު

މުސްތަފާ ވިދާޅުވީ، މިސަރުކާރާއެކު ގައުމުގެ ހާލަތު ރަނގަޅުވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށެވެ. 

ރައީސް މުއިއްޒަކީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރީން ވަރަށް އަބުރުވެރި ހުލްގުހެޔޮ ސާދާ ބޭފުޅެއްގެ ގޮތުގައި މައުލޫމާތު ލިބުނު ނަމަވެސް މިހާރު އެއީ ދިވެހި ތާރީހުގައި އެދި މަރިޔަބު ނުވަތަ މަރިޔަމް ކަބާދީއަށް ފަހު ރާއްޖޭގެ ވެރިކަމުގެ ކޮއިލުގެ ތެރޭގައި އެންމެ ހަޑިކޮށް އުޅުއްވާ ބޭފުޅާހެން ހީވާ ކަމަށެވެ. 

އެހެންކަމުން މިފަދަ ވެރިއަކާއެކު މައްސަލަތަކަށް ހައްލު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.