މ. ވޭވަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި އެވެ.

ރާއްޖެއެމްވީ އަށް ވަނީ ވަކި ކުރި މުވައްޒަފުންގެ ޗިޓްތައް ލިބިފަ އެވެ. އެ މުވައްޒަފުންތައް ވަޒީފާއިން ވަކި ކޮށްފައި ވަނީ 22 ޖޫން 2026 ގަ އެވެ. 

އިތުބާރު ހުރި ފަރާތަކުން ބުނީ ސިޔާސީ ނުފޫޒާއެކު ކުއްލި ގޮތަކަށް 11 މުވައްޒަފުން ވަކި ކޮށްފައިވާ ކަމަށާއި، ވަކި ކުރާނެ ކަމަށް އާދިއްތަ ދުވަހު އެންގި ކަމަށެވެ. މީގެ ތެރޭގައި 2021 ވަނަ އަހަރާއި، 2022 ވަނަ އަހަރު ވޭވަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުން ހިމެނެ އެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑީއާގައި ފާޑު ކިޔާ ފަރާތްތަކުން ބުނީ، މިއީ ވަކި އާއިލާތަކެއް މަގުމަތި ކޮށްލުމަށް ސަރުކާރުން ހިންގި ނާތަހުޒީބީ އަމަލެއް ކަމަށާއި، މިކަމުގެ ސަބަބުން ރަށު ތެރޭގައި ވެސް މަސްލަހަތު ގެއްލިފައިވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މި ރާއްޖެ މި ގެންދަނީ އިންގިލާބުގެ ތުންފަތް މައްޗަށް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. 

ވޭވަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރިއިރު، އިންތިޚާބުތަކާ ދިމާކޮށް މިސަރުކާރުން ވަނީ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބޭނުން ނުވާ މިންވަރަށް މުވައްޒަފުން ނަގާފަ އެވެ. އެކަމުގެ ގެއްލުން އިންތިހާއަށް ބޮޑުވެ، މުވައްޒަފުން މަދު ކުރުމަށް މަޖުބޫރުވުމާއެކު އެކި ރަށްތަކުގެ ފެނަކަ ބްރާންޗުތަކުން މުވައްޒަފުން ދަނީ ވަކި ކުރަމުންނެވެ. 

މީގެ އިތުރުން ފެނަކަ މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު 4 ޖޫން 2026ން 14 ޖޫން 2026ށް އެ ފުރުސަތު ދީފައިވެ އެވެ. އަދި މިފުރުސަތުގައި އަމިއްލައަށް ވަޒީފާއިން ވަކިވުމަށް 97 މުވައްޒަފަކު ހުށަހަޅާފައިވާ ކަމަށް ފެނަކައިން ބުނެފައިވެ އެވެ.