އައިޖީއެމްއެޗްގައި
މަސައްކަތް ކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ
ހަލީމަތު ލަމްހާ އަބްދުއްރަޙުމާންގެ މައްޗަށް ކުށް ސާބިތުވެއްޖެ އެވެ.
މޭރީ
ގްރޭސްގެ މަރުގެ މައްސަލައިގައި، މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ކުރި
އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ގާޒީ
ވަނީ ކަނޑައަޅުއްވާފަ އެވެ. އޭނާ މިހާރު އިސްލާމްވެފައިވާތީ، އޭނާގެ ނަމަކީ
ޔޫސުފެވެ.
މި
މައްސަލައިގައި ލަމްހާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ
ކުށުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ މައްޗަށް ވަނީ, އެހެން މީހެއްގެ
މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަައުވާވެސް
އުފުލާފަ އެވެ. އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ
ދައުވާވެސް އުފުލާފައިވާއިރު، ލަމްހާ ދިރިއުޅޭ ގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ
ދަށުން ބަލައި ފާސްކުރިއިރު، ލަމްހާ ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލްތަކާއި
ފަރުވާ ދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި, ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް
ފެނިފައިވެ އެވެ.
މީގެ
އިތުރުން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން
އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ
ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއްވެސް ވަނީ ފެނިފަ އެވެ.
ކްރިމިނަލް
ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ މުޒައްމިލް ނާސިރު ވިދާޅުވީ، މާވިންއާއި ލަމްހާއާ
ދެމެދުގައި އޮންނަ ލޯބީގެ ގުޅުން މޭރީއަށް އެނގުނު ހިސާބުން ލަމްހާއާއި މޭރީއާ
ދެމެދު މައްސަލަތަކެއް ޖެހުނު ކަމަށާއި، ލަމްހާ މޭރީއަށް އިންޒާރުވެސް ދީފައިވާ
ކަމަށެވެ. އަދި މޭރީ މަރާލުމަށް އެހީތެރިވެދިނުމަށްޓަކައި އެ އަމަލު ހިންގި ވަގުތު
މާވިންގެ ދަރިފުޅު އެ ގެއިން ބޭރަށް ގެންގޮސްދިން ކަމަށާއި، އަދި މާވިން މޭރީ
މަރާލުމުން އެ ގެއަށް ގޮސް، މާވިންއަށް އެހީތެރިވެދީފައިވާކަމަށް ގާޒީ
ވިދާޅުވި އެވެ.
ގާޒީ
ވަނީ މޭރީ ގްރޭސް މަރާލާފައިވާކަމަށް ކަނޑައަޅުއްވާފަ އެވެ. އަދި އޭނާ މަރާލި
ވަގުތު މާވިންއާ ލަމްހާގެ އިތުރުން ދެން އެތަނުގައި ހުރީ 4 އަހަރުގެ ކުޑަ
ކުއްޖެއްކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލައިގެ ވަށައިގެންވާ
ކަންކަމަށް ބަލާއިރު، މާވިން މޭރީ މަރާލާފައިވާކަމާއި، އެކަން ކޮށްފައިވަނީ
ލަމްހާއާއި މާވިންއާ ދެމެދު އޮންނަ ލޯބީގެ ގުޅުމުގެ ސަބަބުންކަމަށް ސާބިތުވާކަމަށް
ގާޒީ ވިދާޅުވި އެވެ. އެ ދެމީހުން ކައިވެނި ކުރަން ރޭވިއިރު، އަނބިމީހާ މަރުވެއްޖެ
ޙާލަތެއްގައި ހުށަހަޅާނެ ލިއެކިއުމުގެ ވާހަކަވެސް ދެކެވިފައިވާ ކަމަށާއި،
ދުނިޔޭގައި ހުރި މީހަކު މަރުވެއްޖެކަމަށް ބަލައިގެން ޕްލޭން ކުރަންވީ ސަބަބެއް
ނެތްކަމަށް ގާޒީ ވިދާޅުވި އެވެ.
އަދި މާވިން
އެމްބިއުލާންސަށް ގުޅާލާފައިވަނީވެސް ލަމްހާ އެ ގެއިން ނުކުމެގެން ދިޔަ ފަހުންކަން
ހެކިތަކުން އެނގޭކަމަށް ގާޒީ ވިދާޅުވި އެވެ. ގާޒީ ވިދާޅުވީ، މޭރީގެ މަރުގެ ހަގީގަތް ފޮރުވުމަށް އެ
ދެމީހުންވެސް މަސައްކަތް ކޮށްފައިވާކަން އެނގޭކަމަށެވެ.
މޭރީ
މަރާލުމުގައި ލަމްހާ ބައިވެރިވެފައިވޭތޯ ބަލާއިރު، މޭރީގެ ޓޮކްސިކޮލޮޖީ
ރިޕޯޓުންވެސް އޭނާގެ ލޭގައި "ސަކްސިނައިލްކޮލިން" ހުރިކަން އެނގޭއިރު،
އެއީ ލަމްހާގެ ގެއިން ފެނުނު ސިރިންޖުގައި ހިމެނޭ ބާވަތެއްކަން ހެކިންގެ
ހެކިބަހުން އެނގޭކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ ފުޅި ލަމްހާގެ ގޭގައި
ގެންގުޅެންޖެހޭ ބުއްދިއަށް ޤަބޫލު ކުރެވޭ ސަބަބެއްވެސް ދެއްކުފައިނުވާކަން ގާޒީ
ފާހަގަ ކުރެއްވި އެވެ.
ގާޒީ
ވިދާޅުވީ، މި މައްސަލައިގެ ވަށައިގެން ހުރި ކަންކަމަށް ބަލާއިރު ފެންނަން އޮތީ
ލަމްހާ ހުރީ ކޮންމެ ގޮތެއް ހަދާފައިވެސް މާވިންއާ އެކުގައި އުޅެވޭނެ ގޮތެއް ހޯދުމަށްކަން
ޝަރީއަތަށް ހުށަހެޅިފައިވާ ހެކިތަކުންވެސް އެނގޭކަމަށެވެ.
މި
މައްސަލައިގެ ހެކިތަކަށް ރިއާޔަތްކޮށް ދައުލަތުންވެސް ބުނެފައިވަނީ، ލަމްހާގެ
ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ
ގޮތުގެ ވާހަކައާ ގުޅޭ މެސެޖުތަކެއް ކޮށްފައިވާ ކަމަށާއި، އޭގެ ފަހުން މާވިން
ގޫގަލް ސާރޗު މެދުވެރިކޮށް އެފަދައިން މީހަކު މަރާނެ ގޮތް ސާރޗު ކޮށްފައިވާ
ކަމަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އެމީހުންގެ ދަރިފުޅު ލަމްހާއާ ޙަވާލުކޮށް،
މޭރީ މަރާލުމުގެ އަމަލު ހިންގާފައިވާކަމަށާއި، ލަމްހާގެ ގެއިން ބޭނުންކޮށްފައިވާ
ބައެއް ސިރިންޖު ތަކަކީ ބޭނުންކޮށްފައިވާ ސިރިންޖުތަކެއްކަމަށްވެސް ދައުލަތުން
ވަނީ ފާހަގަކޮށްފަ އެވެ.
މޭރީ
ގްރޭސްގެ މަރާ ގުޅިގެން ފުލުހުން ތުހުމަތުތައް ކުރަން ފެށީ، ދަން ޖެހިފައި ހުރި
ކަމަށް ބުނެ އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭނާ ގެ ހަށިގަނޑުން ދަން
ޖެހިފައި ހުރިކަމުގެ ނިޝާނެއް ފެންނަން ނެތުމުންނެވެ. އެހެންކަމުން އޭނާ މަރުވި
ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ އޭނާ ގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން
ޕޯސްޓްމޯޓަމް ހަދާފަ އެވެ.
ޕޯސްޓްމޯޓަމް
ރިޕޯޓުން އެނގޭގޮތުގައި މޭރީ މަރުވެފައިވަނީ ބޮލަށާއި ކަރަށް ލިބުނު ޒަޚަމްތަކުގެ
ސަބަބުންނެވެ.