އައިޖީއެމްއެޗްގައި
މަސައްކަތް ކުރި މޭރީ ގްރޭސް މަރުވީ ތަބައީ މަރަކުން ނޫން ކަމަށާއި، އޭނާ މަރުވީ
ދަންޖެހިގެންކަމަށް ދެއްކުމަށް ބަޔަކު ހީލަތްތެރި ރޭވުމެއް ރޭވިކަމަށް ޤަބޫލު
ކުރެވޭކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.

ގާޒީ
އެހެން ވިދާޅުވީ ހޯމަ ދުވަހުގެ އަޑުއެހުމުގައި މައްސަލައާ ގުޅޭގޮތުން ގޮތް
ނިންމަވަމުންނެވެ. އެގޮތުން މި އަޑުއެހުމުގައި އޮތީ ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ
ކަނޑައެޅުމާއި، ކުށް ސާބިތުވާ ޙާލަތުގައި އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.

ކްރިމިނަލް
ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޒައްމިލް ނާސިރެވެ.

ހޯމަ
ދުވަހުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، މޭރީ މަރުވީ ތަބައީ މަރަކުން ނޫން
ކަމަށާއި، އޭނާ މަރުވީ ދަންޖެހިގެންކަމަށް ދެއްކުމަށް ބަޔަކު ހީލަތްތެރި ރޭވުމެއް
ރޭވިކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

އެހެންނަމަވެސް
ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ހެއްކެއްގައި މޭރީ މަރުވިތަން ސީދާ ދުއް ހެއްކެއް
ނެތް ކަމަށާއި، ހުރީ ގިނަ ޤަރީނާތަކެއްކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ޤަރީނާގެ
މައްޗަށް ކުށް ސާބިތުކުރާއިރު ބަލަންޖެހޭ ކަންކަން މަތީ މަރުޙަލާގެ ކޯޓުތަކުގެ
ގަޒިއްޔާތަކުގައި ކަނޑައަޅުއްވާފައިވާކަމަށެވެ. އެ ކަންކަމަށް ރިއާޔަތް ކުރައްވައި
މި މައްސަލައިގެ ޙާދިސާގެ ވަށައިގެންވާ ކަންކަމަށް ގާޒީ ވަނީ އަލިއަޅުވާލައްވާފަ އެވެ.

ޔޫސުފާއި
ލަމްހާއާ ދެމެދުގައި ފޯނުން އެ ދުވަހު މުއާމަލާތްތަކެއް ކުރެވިފައިވާ ކަމަށާއި، ޙާދިސާގެ
ކަންކަން ހިނގާފައިވަނީ ދައުވާލިބޭ ފަރާތްތަކުން ކިޔާދިން ގޮތަށް ނޫންކަން އެނގޭ
ގިނަ ޤަރީނާތަކެއް ހުރިކަމަށްވެސް ގާޒީ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މޭރީ
ގްރޭސަށް އެންމެ ފުރަތަމަ އެޓެންޑުވި މީހުންނާއި ގިނަ ނަރުހުންގެ ހެކިބަހުންވެސް، އޭނާގެ
ހަށިގަނޑުގައި ދަންޖެހުމުގެ ނިޝާނެއް ފެންނަން ނެތްކަމަށް ފާހަގަކޮށްފައިވާ
ކަމަށެވެ.

ގާޒީ
ވިދާޅުވީ، މި މައްސަލައިގެ ވަށައިގެންވާ ކަންކަން ހުރީ ޔޫސުފްގެ މައުސޫމުކަމާ
ފުށުއަރާ ގޮތަށް ކަމަށެވެ. އެގޮތުން ޔޫސުފްގެ ފޯނުން އެ ދުވަހު މީހަކު "ޗޯކްހޯލްޑް"
ކޮށްފައި ބަހައްޓާނެ ގޮތުގެ ފޮޓޯތަކެއްވެސް ފެނިފައިވާކަމަށް ގާޒީ ވިދާޅުވިއެވެ.
އަދި ވިދާޅުވީ، އެ ދުވަހު ދެން އެ ގެއަށް ވަދެފައިވަނީ ލަމްހާއާއި، މޭރީއާއި
މާވިންގެ ދަރިފުޅު ކަމަށެވެ. އަދި މާވިން އެމްބިއުލާންސަށް ގުޅާލާފައިވަނީވެސް
ލަމްހާ އެ ގެއިން ނުކުމެގެން ދިޔަ ފަހުންކަން ހެކިތަކުން އެނގޭކަމަށް ގާޒީ
ވިދާޅުވި އެވެ.

ގާޒީ
ވިދާޅުވީ، އެ ގެއަށް އައުމުގެ ކުރިން އެ ހިނގައިދިޔަ ވަގުތުގައި ލަމްހާ އުޅުނީ
ކޮން ތަނަކުކަން ލަމްހާއަށްވެސް ބުނެދެވިފައިނުވާކަމަށެވެ.

ގާޒީ
ވަނީ މޭރީ ގްރޭސް މަރާލާފައިވާކަމަށް ކަނޑައަޅުއްވާފައެވެ. އަދި އޭނާ މަރާލި
ވަގުތު މާވިންއާ ލަމްހާގެ އިތުރުން ދެން އެތަނުގައި ހުރީ 4 އަހަރުގެ ކުޑަ ކުއްޖެއްކަމަށް
ގާޒީ ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް
ބަލާއިރު، މާވިން މޭރީ މަރާލާފައިވާކަމާއި، އެކަން ކޮށްފައިވަނީ ލަމްހާއާއި
މާވިންއާ ދެމެދު އޮންނަ ލޯބީގެ ގުޅުމުގެ ސަބަބުންކަމަށް ސާބިތުވާކަމަށް ގާޒީ
ވިދާޅުވި އެވެ. އެ ދެމީހުން ކައިވެނި ކުރަން ރޭވިއިރު، އަނބިމީހާ މަރުވެއްޖެ
ޙާލަތެއްގައި ހުށަހަޅާނެ ލިއެކިއުމުގެ ވާހަކަވެސް ދެކެވިފައިވާ ކަމަށާއި، ދުނިޔޭގައި
ހުރި މީހަކު މަރުވެއްޖެކަމަށް ބަލައިގެން ޕްލޭން ކުރަންވީ ސަބަބެއް ނެތްކަމަށް
ގާޒީ ވިދާޅުވި އެވެ.

އެހެންކަމުން
ދެން އޮންނާނީ އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. އެ އަޑުއެހުން އޮންނާނީ ޖުލައި
މަހުގެ ފުރަތަމަ ދުވަހު އެވެ.

މައްސަލައިގެ
ފަސްފަހަތް:

މޭރީ
ގްރޭސްގެ މަރުގެ މައްސަލައިގައި، މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ކުރަނީ އެނގިހުރެ
މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އަދި ލަމްހާގެ މައްޗަށް
އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި،
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ
ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ
ކުށުގެ ދައުވާ އެވެ.

މޭރީ
ގްރޭސްގެ މަރާ ގުޅިގެން ފުލުހުން ތުހުމަތުތައް ކުރަން ފެށީ، ދަން ޖެހިފައި ހުރި
ކަމަށް ބުނެ އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭނާ ގެ ހަށިގަނޑުން ދަން
ޖެހިފައި ހުރިކަމުގެ ނިޝާނެއް ފެންނަން ނެތުމުންނެވެ. އެހެންކަމުން އޭނާ މަރުވި
ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ އޭނާ ގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން
ޕޯސްޓްމޯޓަމް ހަދާފަ އެވެ.

ޕޯސްޓްމޯޓަމް
ރިޕޯޓުން އެނގޭގޮތުގައި މޭރީ މަރުވެފައިވަނީ ބޮލަށާއި ކަރަށް ލިބުނު ޒަޚަމްތަކުގެ
ސަބަބުންނެވެ.

މޭރީގެ
ޕޯސްޓްމޯޓަމް ރިޕޯޓާ ގުޅިގެން ފުލުހުންވެސް ބުނެފައިވަނީ, އޭނާ މަރުވެފައިވަނީ
ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މަރުވެފައިވަނީ ބްލަންޓް
އިންޖަރީއެއްގެ ސަބަބުން ކަމަށެވެ. ބްލަންޓް އިންޖަރީއަކީ ގަދަކަމުން މީހަކަށް
އަނިޔާއެއްދީގެން ނުވަތަ އެއްޗަކުން ޖަހައިގެން ލިބޭ އަނިޔާއަކުން ނުވަތަ
ގެއްލުމަކުން ވާ މަރެކެވެ.