2018 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވީ މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވުމުގެ ސަބަބުން ކަމަށާ އަދިވެސް އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ. 

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް ޝަކީލްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި އިރު އެ މައްސަލަ ދިރާސާ ކުރަނީ ރައްޔިތުންގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިންނެވެ. އެ ކޮމިޓީ އިން ހޯމަ ދުވަހު ވަނީ ޝަކީލް އާ އިންޓަވިއު ކޮށްފަ އެވެ. 

އެ ބައްދަލުވުމުގައި މެންބަރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަކީލް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ކޮމިޝަނުގައި މަސައްކަތް ކުރައްވާފއިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޑިރެކްޓަރ ޖެނެރަލްގެ ގޮތުގައި ކަމަށާ އެ މަގާމުގައި ދޮޅު އަހަރުގެ މުއްދަތަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން އެ ކޮމިޝަންގެ މެންބަރު ކަމުގައި 3 އަހަރު މަސައްކަތް ކުރެއްވުމަށް ފަހު 2018 ވަނަ އަހަރު އިސްތިއުފާ ދެއްވި ކަމަށް ޝަކީލް ވިދާޅުވި އެވެ. 

އަޅުގަނޑު އޭރު އިސްތިއުފާ ދިނީ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި އަޅުގަނޑު މަސައްކަތް ކުރަމުން ދިޔަ އިރު، ކޮމިޝަންގެ ތެރެއިން އަޅުގަނޑު ހިތްހަމަ ނުޖެހޭ، މިނިވަން ކަމާއެކު މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ކުރެވި އަޑުތަކެއް ކޮމިޝަންގެ ތެރެއިން އިވިގެންނާ މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭ ހާލަތެއްގައި ގާނޫނު އަސާސީ އިން އެގޮތަށް ލާޒިމް ކޮށްފައިވާ މަސައްކަތްތަކެއް ކުރުން އެއީކީ އަޅުގަނޑު އަމިއްލަ ޒަމީރު ގަބޫލުކުރާ ކަމެއް ކަމަށް ނުވާތީ އިސްތިއުފާ ދިނީ. މިހާރު ވެސް ހަމަ ކުރިއަށް އޮތް ތާނގަ ވެސް އެފަދަ ހާލަތެއް އައިސްފިއްޔާ އަޅުގަނޑު ހަމަ މަސައްކަތުން އެއްފަރާތްވެ، އިސްތިއުފާ ދޭނަން. 
ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް 

އެ ބައްދަލުވުމުގައި ޝަކީލް ވަނީ ކޮމިޝަނަށް މީގެ ކުރިން ވެސް ދިމާވެފައިވާ ބައެއް ގޮންޖެހުންތަކުގެ ވާހަކަ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން އޮފިޝަލުން ތަމްރީނު ކުރުމުގައި ބައެއް ކަހަލަ ގޮންޖެހުންތައް މިހާރު ވެސް އެބަހުރި ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ދޭ މައުލޫމާތު މާނަ ކުރުމުގައި އޮޮފިޝަލުންނަށް އުނދަގޫތަކެއް ހުރުމުގެ ސަބަބުން ވޯޓު ފޮށިތައް ކައިރީގައި ދިމާވެގެން ނުވާނެ މައްސަލަތައް ދިމާވެފަ އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝަކީލް ވިދާޅުވީ ރާއްޖޭގެ އިންތިޚާބުތައް ބޭއްވުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ނޯންނަވަރަށް ދެ ފުށް ފެންނަ އުސޫލުތަކެއް ކަމަށެވެ.  ނަމަވެސް ހުރިހާ ސިޔާސީ ޕާޓީތަކަށް ފޮރުކޮށްދޭންޖެހޭ މައުލޫމާތު އެންމެ ފުރިހަމަކޮށް ފޯރުކޮށް ނުދެވޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެކަން ހައްލުކުރެވޭނީ ކޮމިޝަނުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހުރިހާ ފަރާތްތަކަށް ވަގުތުން ވަގުތަށް ފޯރުކޮށްދީގެން ކަން ފާހަގަކުރައްވާ ޝަކީލް ވިދާޅުވީ އެ ކޮމިޝަނުގެ މެންބަރަކަށް އޭނާ އައްޔަން ކޮށްފިނަމަ މިނިވަންކަމާއެކު މަސައްކަތް ކުރައްވައި، ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ކަންބޮވޮޑުވުންތައް ހިއްސާކޮށް މަޝްވަރާކުރުމުގެ ފުރުސަތު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. 

އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒާހިދު ވަނީ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގެ އިތުރުން މެންބަރުކަމުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ. 

އީސީގެ މެމްބަރުކަމުގައި ކުރިން ހުންނެވި ޒާހިދު އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރެއްވީ 26 ޖެނެއަރީ 2025 ގަ އެވެ. އޭނާއަކީ  މިނިވަން މުއައްސަސާތަކުގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް 20 ވަނަ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ރައީސެކެވެ.

އެހެންނަމަވެސް ރެފަރެންޑަމް ވޯޓާއި ކައުންސިލު އިންތިޚާބުގެ ނަތީޖާ އިއުލާނުކުރިތާ މާ ގިނަ ދުވަހެއް ނުވެ އޭނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.