ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް އައްޔަނު ކުރެއްވި ހަސަން ޒަރީރަށް ރުހުން ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އިން ނިންމައިފި އެވެ.
ޖޫން މަހުގެ 8 ވަނަ ދުވަހު އެ މަގާމަށް ޒަރީރު އައްޔަނު ކުރައްވާފައިވާއިރު ފިނޭންސް މިިނިސްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެންގެންނެވެ.
ފިނޭންސް މިނިސްޓަރަކަށް އައްޔަނު ކުރައްވާފައިވާ ޒަރީރަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާ ކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އިން ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޒަރީރަށް ރުހުން ދިނުމަށް ފެންނަ ކަމަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ. މެންބަރުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު އެވެ.
އެ ހުށަހެޅުން ފާސްވީ ކޮމިޓީ އަށް އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެ މަގާމުން އިސްތިއުފާ ދެއްވި ޒަމީރުގެ އިސްތިއުފާގެ ސިޓީގައި އިސްތިއުފާ ދެއްވާ ސަބަބެއްގެ ގޮތުގައި އޮތީ ޞިއްޙީ ހާލުކޮޅު ހުރިގޮތުން ކަމަށެވެ. އެގޮތުން ޞިއްޙީ ސަބަބަކާހެދި "ހޮސްޕިޓަލައިޒްވާން" ޖެހިފައިވާ ކަމަށާއި، ދާދި ފަހުންވެސް އެޑްމިޓްކޮށްގެން ފަރުވާ ހޯދަން ޖެހިފައިވާކަމަށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ޒަމީރު ވަނީ އޮޕަރޭޝަނެއް ކުރައްވާފަ އެވެ. އެހެންކަމުން ވަޒީރުކަމުގެ ޒިންމާއަކީ ބުރަ ބޮޑު ޒިންމާއެއްކަމަށްވަތީ، ސިއްޙީ ޙާލަތު ތަން ނުދޭކަމަށް ޒަމީރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އެ މަގާމަށް އައްޔަނު ކޮށްފައިވާ ޒަރީރު އެ މަގާމާ ހަވާލުވުމާއި ހަމައަށް އޭނާ ހުންނެވީ ކޮމިޝަނާރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި މީރާގެ އިސްވެރިޔާގެ ގޮތުގަ އެވެ. ޒަރީރަކީ ކޮލިފައިޑް ޗާރޓަރ އެކައުންޓެންޓަކަށް ވުމުގެ އިތުރުން އެކައުންޓިންގް އަދި ފައިނޭންސްގެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރައްވާފައިވެ އެވެ.