ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ. 

ހައުސިން މިނިސްޓްރީން ބުނީ، ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފޯމްތަކުގެ ކްރޮސް ވެރިފިކޭޝަން ނުވަތަ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ދައުލަތުގެ އެކި އިދާރާތަކުގައި ހުރި ރެކޯޑްތައް ބަލާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިއީ ވަގުތު ނަގާނެ މަސައްކަތްތަކެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، މާލޭގައި ދިރިއުޅުނު ކަމަށް ބުނާ މައުލޫމާތު ފަދަ މައުލޫމާތުތައް ޔަގީން ކުރާނެ ކަމަށެވެ. 

ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވައިރު، ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި، 58505 ފޯމް ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް އެދި 35930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.

އެންމެންނަށް ބޯހިޔާވަހިކަންގެ ސްކީމުގެ ދަށުން  7،900 ފުލެޓާއި، 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމާފައިވެ އެވެ. 

މީގެ އިތުރުން އާއިލީ ބޯހިޔަކަމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 45644 ފޯމް ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް 35818 ފޯމާއި، ގޯއްޗަށް އެދި 9826 ފޯމެވެ. އަދި ގޯތިގެދޮރު ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 12،861 ފޯމް ހުށަހަޅާފައިވާއިރު، އެއީ ފްލެޓަށް އެދި 112 ފޯމާއި، ގޯއްޗަށް އެދި 12749 ފޯމެވެ.