ރާއްޖޭގެ
ސްކޫލުތަކަށް އިންޓަނެޓު ލިބުނީވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި
ފަހުންކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް
ޝުޖާއު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ
ޑިޖިޓަލައިޒޭޝަން ބިލަށް ބަހުސް ކުރައްވަމުން ސުޖާއު ވިދާޅުވީ، މި ބިލަކީ ދައުލަތުގެ
ތެރޭގައި ހިނގާ ވައްކަންތައް ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޝުޖާއު ވިދާޅުވީ
ޚިދުމަތްތައް ދިނުމުގައި އިންސާނުންގެ ދައުރު ކުޑަކުރެވި، ޑިޖިޓަލް ނިޒާމެއްގެ ތެރެއަށް
ކަންކަން ބަދަލުވުމުން ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ބަންދުވެގެންދާނެ ކަމަށެވެ.
ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަކީ ވައްކަން ހުއްޓުވަން ކުރެވޭ މަސައްކަތެއް، މި ބިލާއެކު ވައްކަންތައް ހުއްޓިގެންދާނެ، އިންސާނުންގެ ދައުރު ކަންކަމުގައި މަދުކުރެވުނީމާ ވައްކަން މަދުކުރެވޭނެ
މި ބިލާ ގުޅޭގޮތުން
އިތުރަށް ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ މާ
ކުރިން ފެއްޓެވި މަސައްކަތެއް ކަމަށެވެ. އެގޮތުން ރައީސް މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި
ހުންނެވިއިރު، އެމަނިކުފާނުގެ މެނިފެސްޓޯގައިވެސް ޑިޖިޓަލައިޒޭޝަންގެ ވާހަކަ ހިމަނުއްވާފައިވާނެ
ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.
ނަމަވެސް،
ރައީސް މުޢިއްޒުގެ މޭޔަރުކަމުގެ ދައުރުގައި އެ މެނިފެސްޓޯއާ އެއްގޮތަށް ޑިޖިޓަލައިޒޭޝަންގެ
އަމަލީ މަސައްކަތްތައް ނިންމިގެން ގޮސްފައިނުވާކަން ފާހަގަކުރެވެއެވެ.
ޝުޖާއު އިތުރަށް
ވިދާޅުވީ، ރައީސް މުޢިއްޒު މާލޭގެ މޭޔަރުކަމަށް ވަޑައިގެންނެވި ހިސާބުން، ރައްޔިތުން
ގޭގެ ސިޓިންގ ރޫމްގައި ތިބެގެން ޚިދުމަތްތައް ހޯދޭނެ މަގުތައް ފަހިކޮށްދެއްވާފައިވާ
ކަމަށެވެ. އަދި ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް އިންޓަނެޓުގެ ޚިދުމަތް
ލިބެން ފެށީވެސް ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ކަމަށް ޝުޖާއު
ވިދާޅުވިއެވެ.
މިހާރު މަޖިލީހަށް
ހުށަހަޅާފައިވާ ޑިޖިޓަލައިޒޭޝަން ބިލުގައި މައިގަނޑު ފަސް އަސާސެއް ހިމެނޭކަން ފާހަގަކުރައްވަމުން
ޝުޖާއު ވިދާޅުވީ، އޭގެ ތެރޭގައި ޑިޖިޓަލް އިޤްތިސާދެއް ބިނާކުރުމާއި، ޒަމާނީ ޑިޖިޓަލް
މުޖުތަމައެއް އުފެއްދުން ފަދަ މުހިންމު ކަންކަން ހިމެނޭ ކަމަށެވެ. މި ބިލުގެ ސަބަބުން
ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސް، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް
އަވަސްވެފައި ހާމަކަން ބޮޑުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ބިލަށް
ބަހުސް ކުރެއްވި ސަރުކާރު ހިންގާ ޕާޓީގެ އެހެން މެމްބަރުން ވެސް ވަނީ މި ބިލުގެ މުހިންމުކަމާ
ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.