ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ވޯޓު ލަނީ ވެސް، ރާއްޖޭގެ ރައްޔިތުން ކަނީ ވެސް އަދި ބޮނީ ވެސް ޑިޖިޓަލް ކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޖަނާބު ވިދާޅުވީ މިއަދު ރާއްޖޭގައި ގިނަ ކަންކަން ކުރަނީ ޑިޖިޓަލް އެކިއެކި ޕްލެޓްފޯމްތަކުގެ އެހީގައި ކަމަށެވެ. އެގޮތުން ފައިސާ ޓްރާންސްފަރ ކުރުމުގެ މުއާމަލާތްތަކުން ފެށިގެން ގޮސް ބިލުތައް ދައްކަނީ ވެސް ޑިޖިޓަލް ކޮށް ކަމަށެވެ.
މެންބަރު ތުހުމަތު ކުރެއްވި ގޮތުގައި އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ޑިޖިޓަލް ވޯޓިންގ ގެ ވާހަކަ ދައްކަނީ ބިލުގެ މަގްސަދު ގެއްލުވާލުމަށެވެ. އެހެން ނަމަވެސް އެކަން ވެސް ނުކުރެވެން ވީ ސަބަބެއް ނެތް ކަމަށާއި ޑިޖިޓަލް ނުވަތަ އީ ވޯޓިންގ ނިޒާމަކަށް ނުދެވެން ވީ ސަބަބެއް ނެތް ކަމަށް މެންބަރު ވިދާޅުވި އެވެ.
މިސާލަކަށް ވަރަށް ދާއިރާތައް އެބަހުރި މިހާރު ވެސް ޑިޖިޓަލީ ޚިދުމަތްދޭ. ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރަށް ފައިސާ ޓްރާންސްފަރ ކުރަނީ. ޑިޖިޓަލީ ކުރާ ކަމެއް. އެކަކު އަނެކަކަށް ފައިސާ ޓްރާންސްފަރ ކުރަނީ. ޑިޖިޓަލީ ކުރާ ކަމެއް. ހަމަ އެގޮތަށް ލޯން ތަކަށް އެޕްލައި ކުރަނީ. ޑިޖިޓަލީ ކުރާ ކަމެއް. ގަވަރނެންސަށް ބަލާއިރު ޓެކްސް ދައްކަނީ. ޑިޖިޓަލީ ކުރާ ކަމެއް. ސިއްހަތަށް ބަލާއިރު ޑޮކްޓަރަށް ދައްކަނީ. ޑިޖިޓަލީ ކުރާ ކަމެއް. މި ޑިޖިޓަލް ނޭނގިގެން މިއުޅެނީ. އަޖައިބެއްނު. މި ބިލަކީ ދިވެހިރާއްޖެ އަށް، މިވަގުތު އަސާސީ އެއްޗެކޭ. ކޮންމެ މެންބަރެއް ކުރިމަތީގައި އިންނަނީ ޑިޖިޓަލް ސްކްރީނެއް. އޭގެން އަޅުގަނޑުމެން މި ބަލަނީ ޑިޖިޓަލީ. ވޯޓު ދެނީ ޑިޖިޓަލީ. ކަނީ ޑިޖިޓަލީ. ބޮނީ ޑިޖިޓަލީ. މި އެހެން ޒަމާނަކަށް އައިސްފަ މިއޮތީ. އެހެންވީމަ އަޅުގަނޑުމެން އެބަ ބޭނުންވޭ ދިވެހިރާއްޖެ އަށް ތަރައްގީ ގެންނަން. ޒުވާނުންގެ އަތްފައި މިނިވަންވާ ގޮތް ހަދަން. މިކަމާ ދެކޮޅަށް ވާހަކަދައްކަން މި ބިލުގެ މަގްސަދު ގެއްލޭ ގޮތަށް މަފްހޫމް އޮޅޭ ގޮތަށް ކޮންމެ ފަހަރަކު އެމްޑީޕީރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު)
މެންބަރު ވިދާޅުވީ މި ބިލަކީ މިއަދު ރައްޔިތުންނަށް ވަރަށް މުހިއްމު ބިލެއް ކަމަށާ ޚާއްސަކޮށް މިއީ މި ގައުމަށް ވަރަށް މުހިއްމު ބިލެއް ކަމަށެވެ. މި ބިލު ފާސްވެގެން ދިޔުމުން މިހާރު 8 ގަޑިއިރު ކުރާ މަސައްކަތުން 3 ގަޑިއިރު ކެނޑިގެންދާނެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. ޖަނާބު ވިދާޅުވީ މާނައަކީ ސިވިލް ސަރވިސް މުވައްޒަފުންނަށް 5 ގަޑިއިރަށް މަސައްކަތް ބަހާލަން ދައުލަތަށް ފުރުސަތު ލިބުން ކަމަށެވެ. މިއީ އޭގެ ސަބަބުން އެތައް ބަޔަކަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމެއް ކަމަށާ ޑިޖިޓަލް ކުރުމުގެ ބޭނުމަކީ ވެސް އެއީ ކަމަށް މެންބަރު ވިދާޅުވި އެވެ.
މެންބަރު ވިދާޅުވީ ރާއްޖެ އަށް މިހާރު އަންނަން އުޅޭ ތަރައްގީ އަށް ބެލިކަމުގައި ވީ ނަމަވެސް މި ބިލު މުހިއްމު ކަމަށެވެ. ބިލުގެ ސަބަބުން ލޮލަށް ނުފެންނަ، މާނަވީ އެތައް ފައިދާ އެއް ލިބިގެން ދާ ކަމަށާއި ނިޒާމެއްގެ ތެރެއިން ރޭވިގެން މަސައްކަތްތައް ކުރުމަށްޓަކައި މި ބިލަކީ މުހިއްމު އަސާސީ ބިލެއް ކަމަށެވެ.