މާލޭގައި ހުންނަ މަސްޖިދުލް ފުރުޤާންގެ ދޮރުގެ
ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި ހާދިސާއާ
ގުޅިގެން ފުލުހުން ބުނީ ފުރުޤާން މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމުގެ
ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ އާދިއްތަ ދުވަހުގެރޭ ފަތިހު 4:10 ހައިކަންހާއިރު
ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު
ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް މިސްކިތަށް ގެއްލުން
ދިން މީހާ ނުވަތަ ބަޔަކު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، މި މައްސަލައިގެ ތަހުގީގު
ފުލުހުން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.
ހަތިމުތައް އުކާލައި، ފުރުޤާނު މިސްކިތަށް ގެއްލުންދިން މައްސަލައެއް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.
އެފަހަރު ފުރުޤާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، އެ މިސްކިތަށް ގެއްލުން ދީ އިމާމު ހުންނަ ދިމާ ގައި ހުރި ކަރަންޓު ބޯޑުތަކާއި އެއަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ވެސް ހަލާކުކޮށްލާފައިވެ އެވެ. ނަމަވެސް އޭރު ހައްޔަރު ކުރި މީހާ ވެސް ފަހުން ވަނީ ބަންދުން ދޫކޮށްފަ އެވެ.
މާލޭގެ މިސްކިތްތަކަށް ގެއްލުން ދިނުމާއި، މިސްކިތްތަކުގެ
ތެރޭގައި ނޭދެވޭ އަމަލުތައް ހިންގާ މައްސަލައަކީ ދޭތެރެއަކުން ފެންމަތިވާ މައްސަލައެކެވެ.
މިފަދަ މައްސަލަތައް ހުއްޓުވުމަށްޓަކައި މިސްކިތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް
ކަމާބެހޭ އިދާރާތަކުން މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށް އާންމުން ގެންދަނީ
ގޮވާލަމުންނެވެ.
ފުރުޤާން މިސްކިތަކީ މާލޭގައި ގިނަ އަދަދެއްގެ
ބަޔަކު ނަމާދަށް ގޮސް އުޅޭ މިސްކިތަކަށްވާއިރު، މިސްކިތުގެ މުދަލަށް ގެއްލުން ދިނުމަކީ
އާންމުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި،
ގެއްލުން ދިން ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފައެވެ.