ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގައި
ސައިކޮލޮޖީ ކިޔަވައިދޭނެ ޓީޗަރަކު ނެތުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރަމުންދާ
ކަމަށް ބުނެ ބެލެނިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި، މާލެ ސަރަޙައްދުގެ ސްކޫލެއްގައި
ދަރިވަރުންތަކެއް އަމިއްލަ ނަފްސަށް ގެއްލުންދީ ދީނާ ޚިލާފު އަމަލުތަކެއް ޕްރޮމޯޓު
ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ސަމާލުކަމަށް އައިސްފައިނުވާކަމަށް މިނިސްޓްރީ
އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.
މި މައްސަލަތަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުން އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅުމުން،
އެ މިނިސްޓްރީގެ އޮފިޝަލަކު ވަނީ އެފަދަ އެއްވެސް މައްސަލައެއް މިނިސްޓްރީއަށް ހުށަހެޅިފައި
ނުވާކަމަށް ވިދާޅުވެފައެވެ. އަދި ފޯނަށް ޖަވާބުދެއްވި އޮފިޝަލް ވަނީ ރާއްޖެޓީވީއަކީ
ޓީވީ ޗެނަލެއްތޯ ސުވާލުކުރައްވައި، މައުލޫމާތު ދިނުމުގައި ފަރުވާކުޑަ ރޫހެއްގައި ވާހަކަދައްކަވާފައެވެ.
ސީއެޗްއެސްސީގެ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީން
ބުނީ، އެއްވެސް ބެލެނިވެރިއެއްގެ ފަރާތުން ޓީޗަރަކު ނެތްކަމުގެ ޝަކުވާއެއް މިހާތަނަށް
ލިބިފައި ނުވާކަމަށެވެ. އަދި ސްކޫލްތަކުގެ ޓީޗަރުންނާ ގުޅޭ ކަންކަމަކީ މިނިސްޓްރީގެ
އެޗްއާރް ޑިޕާޓްމަންޓަށް ބޮޑަށް އެނގޭނެ ކަންކަން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން،
ހުޅުމާލޭގެ ސްކޫލެއްގައި ދަރިވަރުންތަކެއް އަމިއްލަ ނަފްސަށް ގެއްލުންދީ، ދީނާ ޚިލާފު
ކަންކަން ކުރަމުންދާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް ވެސް މިނިސްޓްރީން
ވަނީ ބުނެފައެވެ.
މިނިސްޓްރީން މިކަންކަން ދޮގުކުރި ނަމަވެސް، ރާއްޖެޓީވީއާ
ވާހަކަދެއްކި ބެލެނިވެރިން ވަނީ މި މައްސަލަތަކުގެ ސީރިއަސްކަން ފާހަގަކޮށްފައެވެ.
ބެލެނިވެރިން ބުނާ ގޮތުގައި ސީއެޗްއެސްސީގައި ސައިކޮލޮޖީ ޓީޗަރަކު ނެތިގެން ކިޔެވުން
މެދުކެނޑިފައިވާ މައްސަލަ ސްކޫލުގެ ސަމާލުކަމަށް ގެނައުމުގެ އިތުރުން، އެޑިއުކޭޝަން
މިނިސްޓްރީއަށް ވެސް ވަނީ ހުށަހަޅާފައެވެ.
ހަމައެއާއެކު، މާލެ ސިޓީގެ ސްކޫލެއްގައި ދަރިވަރުންތަކެއް
އަމިއްލަ ނަފްސަށް ގެއްލުންދީ، ނުރައްކާތެރި އަމަލުތަކެއް ހިންގަމުންދާ މައްސަލަވެސް
ބެލެނިވެރިން ވަނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ. ބެލެނިވެރިން
ބުނަމުންދަނީ މިފަދަ ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާއިރު، މިނިސްޓްރީން އެކަންކަމަށް
އިންކާރުކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
ސްކޫލްތަކުގައި ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ
ފަދަ ކަންކަމާއި، ކުދިންގެ އަޚްލާގާއި ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ހިނގަމުންދާ
ކަމުގެ ޝަކުވާތައް އިތުރުވަމުންދާއިރު، މިކަންކަމުގައި ކަމާބެހޭ އިދާރާތަކުން ޒިންމާދާރުކަމާއެކު
ފިޔަވަޅު އެޅުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.