ރައީސުލްޖުމްހޫރިއްޔާ ކޮންމެ ހަފްތާއަކު އެއްފަހަރު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، ހޯމަ ދުވަހު ބޭއްވުމަށް ތާވަލުކުރި ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ.

ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ނޫސްވެރިންގެ މި ބައްދަލުވުން ބޭއްވޭގޮތް ނުވީ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުތައް ހުރިގޮތުން ވަގުތު ނެތުމުގެ ސަބަބުންނެވެ.

މިއީ ޖެހިޖެހިގެން ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން
ކެންސަލްވަމުންދާތާ 3 ވަނަ ހަފްތާއެވެ.

މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއް
ދުވަހުގެ އެއް ގަޑިއިރު ނޫސްވެރިންނާ ބައްދަލުކުރުމަށް ހާއްސަކުރާނެ ކަމަށް
ރައީސުލްޖުމްހޫރިއްޔާ ކުރިން ވަނީ އިއުލާނު ކުރައްވާފައެވެ. އެ އުސޫލުގެ ދަށުން
ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ
ބައްދަލު ކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސް ކުރިން ވިދާޅުވެފައިވަނީ، ރަސްމީ
ބަންދު ދުވަހެއް، ނުވަތަ ރަށުން ބޭރަށް ކުރައްވާ ދަތުރުފުޅެއް ނުވަތަ އެފަދަ
ކުއްލި ކަމެއް ދިމާނުވާހާ ހިނދެއްގައި ކޮންމެ ހަފްތާއަކުވެސް ނޫސްވެރިންނާ ބައްދަލުކުރައްވައި
ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށެވެ.

އެހެންނަމަވެސް މީގެ ކުރިންވެސް ރައީސްގެ
މަސައްކަތްޕުޅު ހުރި ގޮތުންކަމަށް ވިދާޅުވެ ނޫސްވެރިންގެ ބައްދަލުވުންތައް ވަނީ
ކެންސަލްކޮށްފައެވެ.

ރައީސް އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުން
ބާއްވަވާފައިވަނީ 1 ޖޫންގައެވެ. އެ ދުވަހު ރައީސް ވަނީ ބައެއް ނޫސްވެރިންނަކީ
"ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ، ނޫސްވެރިންނަށް ވަރަށް ބޮޑަށް މަލާމަތް
ކުރައްވާފައެވެ. އެ ދުވަހު ރައީސް ވިދާޅުވީ، ބައެއް ނޫސްވެރިންނަކީ ނޫސްވެރިކަމުގެ ލޭބަލް އަޅުވައިގެން އުޅޭ ބައެއް ކަމަށާއި، ހަގީގަތުގައި އެއީ ސިޔާސީ އެކްޓީވިސްޓުން ކަމަށެވެ. 

ރައީސް މުއިއްޒުގެ މި ސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެ ވަނީ 4 ދަރަޖަ ފަހަތަށް ސޮއްސާލާފަ އެވެ.