ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީ، ޕީއެންސީ ގެ ސުޕަރ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށަހެޅި އެއްވެސް ބިލަކުން ނުވަތަ ސަރުކާރުން ކުރި އެއްވެސް ކަމަކުން ފައިދާ އެއް ލިބުނު ރައްޔިތަކު ނެތް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޣަފޫރު ވަނީ މި ސަރުކާރުން އެ ބިލު ހުށަހެޅުމުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެފަ އެވެ.
މެންބަރު ވިދާޅުވީ މި ބިލަކީ 2028 ވަނަ އަހަރު ގެ ރިޔާސީ އިންތިޚާބަށް، އީވޯޓިންގ ނިޒާމަކަށް ދިއުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި މިއީ އިތުރު އޮފީހެއް ހަދައި މުވައްޒަފުން ނަގައިގެން ވޯޓުން ވައްކަން ކުރަން ހުށަހެޅިފަ އޮތް ބިލެއް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
މި ސަރުކާރުން މިހާތަނަށް ހުށަހެޅި އެއްވެސް ބިލަކުން ރައްޔިތަކަށް ވީ ފައިދާ އެއް ނެތް. ގާނޫނު އެބަ ބުނޭ 2027 އައުމުގެ ކުރިން ފެނާ ނަރުދަމާ މިގައުމުގަ އަޅާ ނިންމަން ޖެހޭނެ އޭ. އެކަން ކޮށްފިތޯ. ނުކުރޭ. އެހެންވީމާ ކުރަން ހުރި ކަންކަން ނުކޮށް، ކުރަން މިއުޅެނީ ވަގު ވޯޓު އެޅުމުގެ ކަންކަން. އެކަން އަޅުގަނޑުމެންނަށް ވަރަށް ސާފު. އެނޫން އެއްވެސް ކަމެއް ކުރާކަށް ނޫން މިއަދު މިއުޅެނީކީ. މި ބިލު ފާސް ކުރީމާ ގާނޫނެއްގެ ދަށުން އީ ވޯޓިންގ އަށް ގޮސް ވޯޓުން ވައްކަން ކުރުމަށް މަސައްކަތް ކުރުމަށް އެ މަރުހަލާ ކުރިއަށް މި ދަނީ.ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
މެންބަރު ވިދާޅުވީ މި ސަރުކާރުން ކުރާ ކަންކަމުގައި އިޚުލާސްތެރިކަމެއް ނެތް ކަން ހާމަވާ އެއްމެ ބޮޑު އެއް ކަމަކީ ސިނގިރެޓާ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ އިންތިހާ އަށް ބޮޑު ކުރުމަށްފަހު އަލުން އެ ޑިއުޓީ ކުޑަ ކުރަން ހުށަހަޅާފައި ވުމުން ކަމަށެވެ. އެގޮތުން އޭރު ވެސް އެތައް ބަޔަކު އެކަން ނުކުރުމަށް ސަރުކާރަށް ގޮވާލި ކަމަށާ ސަރުކާރުން އެ އަޑު ނޭހި ކަމަށް ޣަފޫރު ވިދާޅުވި އެވެ.
ސަރުކާރުން އަގުތަކަށް ބަދަލު ގެންނަން ބޭނުންވުމުން އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދުގެ ދަށުން ކުރާ ކަމެއް ކަމަށް ބުނުމަށް ފަހު މި ބަދަލު ގެންނަން ހުށަހަޅާފައި ވުމުން އޭރު ޑިއުޓީ ބޮޑު ކުރީ ރައްޔިތުންނަށް ހެޔޮ އެދިގެން ނޫން ކަން ހާމަވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
ދުނިޔޭގެ ކަންކަން މީހުން ކޮށް އުޅެނީ އިޚުލާސްތެރިކަމާއެކު ރަނގަޅު ނިޔަތުގައި. އެހެން ނަމަވެސް މި ގައުމުގައި މި ކުރަނީ ނާޖާއިޒް ފައިދާ ނަގައި ކަން އޮތް ގޮތް ނޫން އެހެން ގޮތަކަށް އަނބުރާލުމަށްޓަކައި. އެގޮތަށް މުޅިން ކަން ކުރަމުން އައީ. އިޚުލާސްތެރިކަމެއް ނެތް ސަރުކާރެއްގައި ކަންކަން ހިނގައިދާ ގޮތް އަޅުގަނޑުމެން ކުރިމަތީގައި މި ފެންނަނީ. މިހާތަނަށް ވެއްދި ބިލަކުން، ކުރި ކަމަކުން ދިވެހި ރައްޔިތުންނަށް ވީ ފައިދާ އެއް ނެތް. އެއްވެސް ކަމެއް ނުވޭ. ކަރަންޓު ބިލް އިންތިހާ އަށް ބޮޑު ވެއްޖެ. ފެން ބިލު ބޮޑުވެއްޖެ. ކާ އެއްޗެހި އެހާ މައްޗަށް އަރާފަ. ޑޮލަރު މިއަދު 21 ރުފިޔާ އަށް އަރައިފި.ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
މެންބަރު ވިދާޅުވީ މިއަދު ރައްޔިތުން އުޅެމުން ދަނީ ދަތި ހާލުގައި ކަމަށާއި މި ސަރުކާރުން ރައްޔިތުންގެ ފައިދާ އަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް. އަދި މިހާރު ވެސް މަސައްކަތް ކުރަމުންދަނީ 2028 ގެ އިންތިޚާބު ވަގަށް ނެގުމަށް ކަމަށާއި ނަމަވެސް ރައްޔިތުންގެ ތާއީދު ސަރުކާރަށް ނެތް ކަމަށް މެންބަރު ވިދާޅުވި.