ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން، މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފިއެވެ.

ޚިދުމަތް ދިނުމަށް ސްޓެލްކޯ އަށް ހަވާލު ކުރި ރަށްތަކަކީ މ. މުލި،
ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލައް، ނާލާފުށި، ރަތްމަންދޫ އަދި
ވޭވަށެވެ.

ފެނަކަ އިން، މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ
ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ
މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަފީފް ޙުސެއިންއެވެ. ސްޓެލްކޯގެ ފަރާތުން
އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ.
ޢަލީ އަޒްވަރެވެ. 

ފެނަކައިން ވަނީ، މިދިޔަ އޭޕްރިލްމަހު ވެސް އެ ކުންފުނިން 3 އަތޮޅަކަށް ދެމުން ދިޔަ ޚިދުމަތްތައް ދިނުމަށް ސްޓެލްކޯއާ ޙަވާލުކޮށްފައެވެ. 

ފެނަކައިގެ ޚަރަދުތައް ބޮޑުވެ ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) މުހައްމަދު އަފީފް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ މީޑިއާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ އެމްޑީ ވިދާޅުވެފައިވަނީ ކުންފުނީގައި މިވަގުތު 8000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު މިމުއްވަޒަފުންގެ މުސާރައަށް ގާތްގަނޑަކަށް 90 މިލިޔަން ރުފިޔާ ޚަރަދުވާ ކަމަށެވެ. އެ ގޮތުން ކުންފުނީގެ އާމްދަނީއާއި ނުބައްދަލު މިންވަރަކަށް މުވައްޒަފުން ތިބުމާއެކު ރިޑަންޑެންސީ ޕޮލިސީއެއް ފާސްކޮށްފައިވާ ކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ކުންފުނިން އިސްނަގައިގެން މުވައްޒަފުން ވަކިކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާއިރު، އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން މުވައްޒަފުންގެ ގޮތުގައި ނެގުމުގެ އިތުރުން މުވައްޒަފުންނަށް ނުހައްގުން ޕްރޮމޯޝަން ދިނުން ފަދަ ކަންކަން ސަރުކާރުން ކޮށްފައިވާ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.