މިސަރުކާރުން ކުރިއަށް ގެންދާ ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން މ. ކޮޅުފުށީގެ ސްކޫލުގައި އޭސީ ހަރުކޮށްފައިވާ ކަމަށާއި، ނަމަވެސް އޭސީގެ ނަރުތައް ނުގުޅި ހުންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އެ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ކޮޅުފުށީގެ އާއްމު ހާލަތާ މެދު ކަންބޮޑުވާ ކަމަށާއި، ރައްޔިތުން ބޭނުންވާ ޚިދުމަތްތައް އެރަށުން ނުލިބޭ ކަމަށެވެ. ނަމަވެސް މިސަރުކާރަކީ ރައްޔިތުންނާ ގާތުން ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް އައި ސަރުކާރެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޫލް ސްކޫލު ޕްރޮޖެކްޓަށް އިޝާރާތް ކުރައްވައި އިހުސާން ވިދާޅުވީ ކޮޅުފުށީ ސްކޫލުގައި އޭސީ ހަރުކޮށް ނިމިފައިވާ ކަމަށާއި، ނަމަވެސް އޭސީގެ ނަރުތައް ނުގުޅޭތީ، އެ ބޭނުން ނުކުރެވޭ ކަމަށެވެ. އަދި އެގޮތަށް އެހުންނަތާ މިހާރު ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮޅުފުށީ ސްކޫލުގައި ދައުރުގެ ކުރީ ކޮޅު ފެށި ކޫލް ސްކޫލް ޕްރޮޖެކްޓް. ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން އޭސީ މިވަގުތު ހުރީ ހަރުކޮށްފައި. ފޮށިތަކާއެކު ކޮތަޅުތައް އަޅުވާފައި ހަރުކޮށްފައި ހުރީ. އޭސީގެ ނަރުތައް ގުޅާނުލެވިގެން އެ ބޭނުން ނުރެވި ހުންނަތާ ވެސް މިހާރު ގާތްގަނޑަކަށް ހައެއްކަ މަސް ވަނީ.  
މުލަކު ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން

ކޫލް ސްކޫލު ޕްރޮޖެކްޓް އިފްތިތާހް ކޮށްފައިވަނީ 2 ޖޫން 2024 ގަ އެވެ.

"ކޫލް ސްކޫލު ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސަރުކާރާއި ކޮމިޔުނިޓީގެ އެހީތެރިކަމާއެކު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނި ނަމަވެސް ފަހުން މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ފެނަކައާ ހަވާލުކުރި އެވެ. އަދި ކޫލް ސްކޫލް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަފީފް ހުސެއިން ވިދާޅުވެފައިވެ އެވެ.