މިދިޔަ ސަރުކާރުގައި ބޮޑު އިންސައްތައެއްގެ މަސައްކަތް ނިންމާފައިވާ ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް މިސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ހުޅުވައި ކިޔައިދޭން ނު ފެށިވާ ކަމީ، ވަރަށް ދެރަވަރު ކަމެއް ކަމަށް އެދާއިރާގެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ. 

ކުރީގެ ރާއީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަސައްކަތް ފެށި ދިއްދޫގެ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިޔަނަމަ 2023 ވަނަ އަހަރު ނިމިގެން އެ ކޮލެޖްގައި ކިޔައިދެވޭނެ ކަމަށް އޭރު ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް ވެރިކަން ބަދަލުވެގެން ދިއުމާ ގުޅިގެން އެ މަޝްރޫއުގެ މަސައްކަތް އޮތީ ހުއްޓާފަ އެވެ.

މި ކޮލެޖާ ގުޅޭގޮތުން ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެދާއިރާގެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ވަހީދު ވިދާޅުވީ ބޮޑު އިންސައްތައެއްގެ މަސައްކަތް ނިންމާފައި އޮތް ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރުގައި ކޮލެޖްގެ މަސައްކަތްތައް ކުރިއަށް ނުގެންދާ ކަމަށެވެ. އަދި މިސަރުކާރަށް  ތިން އަހަރުވާން ކައިރިވެފައިވާއިރު، މި ކޮލެޖުގައި ކިޔަވައިދޭން ނުފެށުމަކީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށެވެ. 

ދިއްދޫގައި ފަށާފައި ހުރި މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މަޝްރޫއެއް މިއަދާ ހަމައަށް އައިރުގައި އެ ދާންވާ ސްޕީޑްގައި ކުރިއަށް ނުދޭ. ޚާއްސަކޮށް ދިއްދޫގައި ގާއިމް ކުރަމުންދިޔަ މަޝްރޫއުތަކުގެ ތެރެއިން ޖޫނިއަރ ކޮލެޖްގެ މަޝްރޫއު މަތީ ތައުލީމީ ޖީލެއް ބިނާ ކުރުމަށްޓަކައި އަޅުގަނޑުމެންގެ ވައުދެއްގެ ގޮތުގައި ވަރަށް ބޮޑު ވައުދެއްގެ ގޮތުގައި އެވައުދު ވެގެން ދިޔައީ. އެމަސައްކަތްތައް ފެށިގެން އައިސްފައި ވަރަށް މަދު މަސައްކަތްތަކެއް ނިންމާލަން ހުރީ. ދެއަހަރު ވެ ތިން އަހަރު ވެގެންދާއިރުގައި އެ މަސައްކަތްތައް ނިންމާލެވޭވަރު ނުވޭ. 
ދިއްދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު

ދިއްދޫގެ ޖޫނިއަރ ކޮލެޖް ނިމޭއިރު ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްޞަ ލެބޯޓަރީ އާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީ ހުންނާނެ އެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި، މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމްތަކާއި، ލައިބްރަރީ ވެސް އެތަނުގައި ހުންނާނެ އެވެ.

ދިއްދޫގެ ޖޫނިއަރ ކޮލެޖް ޚާއްސަކޮށްފައި ވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. މިކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާ ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައް ވެސް އެއިންސްޓިޓިއުޓުތަކުގައި ހިންގާނެ ކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން މީގެ ކުރިން މައުލޫމާތު ދީފައިވެ އެވެ.