ޔޫޑަބްލިއުސީ މޯލްޑިވްސްއިން ރާއްޖޭގެ ހަތަރު ދަރިވަރަކަށް
ބޭރު ގައުމުތަކުގައި މަތީ ސާނަވީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދީފިއެވެ.

ސްކޮލާޝިޕް ލިބުނު ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވަނީ
އެމެރިކާ، ޖަޕާން، އަރުމީނިއާ އަދި އެސްވާޓީނީގައި ހުންނަ ޔުނައިޓެޑް ވޯލްޑް ކޮލެޖްތަކުގައެވެ.

މި ފުރުސަތު ލިބުނު ހަތަރު ދަރިވަރުންނަކީ ގާޒީ
ސްކޫލުން ފާތިމަތު ސާޝާ ފަރުހަތު، އަމީނިއްޔާ ސްކޫލުން ފާތިމަތު ފާރިހާ ފަޔާޒް އަދި
ޖިއާން އަހުމަދު ސައީދު، އަދި ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުން އާމިނަތު އުލާ އަހުމަދެވެ.

ފާތިމަތު ސާޝާ ފަރުހަތު ކިޔަވަން ހަމަޖެހިފައިވަނީ
ޖަޕާނުގައި ހުންނަ ޔޫޑަބްލިއުސީ އައިސަކްގައެވެ. ފާތިމަތު ފާރިހާ ފަޔާޒް ކިޔަވަން ހަމަޖެހިފައިވަނީ
އަރުމީނިއާގައި ހުންނަ ޔޫޑަބްލިއުސީ ޑިލިޖަންގައެވެ. ޖިއާން އަހުމަދު ސައީދު ކިޔަވަން
ހަމަޖެހިފައިވަނީ އެސްވާޓީނީގައި ހުންނަ ޔޫޑަބްލިއުސީ ވޯޓަފަޑް ކަމްލަބާގައެވެ. އާމިނަތު
އުލާ އަހުމަދު ކިޔަވަން ހަމަޖެހިފައިވަނީ އެމެރިކާގައި ހުންނަ ޔޫޑަބްލިއުސީ ޔޫއެސްއޭގައެވެ.

ޔޫޑަބްލިއުސީ މޯލްޑިވްސްއަކީ ބައިނަލްއަޤުވާމީ
ފެންވަރުގައި ފާހަގަކޮށްލެވޭ، ތައުލީމީ ގޮތުން ނަމޫނާ މުއައްސަސާއެކެވެ. ދުނިޔޭގެ އެކި
ކަންކޮޅުތަކުގައި އެފަދަ ފަނަރަ ކޮލެޖެއް ހުރިއިރު، އެ ތަންތަނުގައި ދަރިވަރުން ފުރިހަމަކުރާނީ
ދެ އަހަރު ދުވަހުގެ އިންޓަރނޭޝަނަލް ބެކަލޯރިއޭޓް ޑިޕްލޮމާއެކެވެ. އެއީ އޭ ލެވެލްއާ
އެއް ފެންވަރެއްގެ، ދުނިޔޭގެ ހުރިހާ ޔުނިވާސިޓީތަކަކުންނާއި މޯލްޑިވްސް ކޮލިފިކޭޝަންސް
އޮތޯރިޓީން ވެސް ބަލައިގަންނަ ސަނަދެކެވެ.

ޔޫޑަބްލިއުސީ މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި
ޔޫޑަބްލިއުސީ ސްކޫލްތައް ތަމްސީލުކުރާ ގައުމީ ކޮމިޓީއެވެ. އެ ޖަމިއްޔާގެ ސްކޮލާޝިޕް
ޕްރޮގްރާމް ކުރިއަށްގެންދަނީ އަލިފުޅު ތުއްތު ފައުންޑޭޝަނާއި ޔޫޑަބްލިއުސީ އިންޓަނޭޝަނަލް
އޯގަނައިޒޭޝަނުގެ ދީލަތި އެހީތެރިކަމާއެކުގައެވެ. މިއީ ގްރޭޑް ދިހައެއް ނިންމާ ދިވެހި ދަރިވަރުންނަށް
އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ހުޅުވާލެވޭ ފުރުސަތެކެވެ.