ކޮންމެ ސަރުކާރަކުންވެސް
ދައުލަތުގެ ލޯނުތައް ދައްކަމުންދާނެ ކަމަށާއި، އެހެން ސަރުކާރުތަކުން ލޯނު ދައްކަމުންވެސް
ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ
ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ
"ޓީވީޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރިޔާޒު ވަނީ މި ސަރުކާރުގެ
އިޤްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރިޔާޒު ވިދާޅުވީ
ރާއްޖޭގެ އިޤްތިސާދު މިއަދު މިއޮތީ ހަލާކުވެފައި ކަމަށާއި، އޭގެ ސަބަބުން ރައްޔިތުން
ތިބީ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން ބޭސްފަރުވާ ކުރުމަށް
ބޭނުންވާ ބޭސް ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހުމާއި، އެކި ބޭނުންތަކަށް ރާއްޖޭން
ބޭރަށް ފޮނުވަންޖެހޭ ފައިސާ ނުވަތަ ޕޭމަންޓްތައް ނުހެދި ތާށިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިފަދަ އަސާސީ ކަންކަން ހަމަނުޖެހި އޮތްއިރު، މި ސަރުކާރަށް ހާސިލްކުރެވުނު ކާމިޔާބީއަކީ
ކޮބައިތޯ ރިޔާޒު ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން
ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް އުފުލިފައިވާކަން ފާހަގަކުރައްވަމުން
ރިޔާޒު ވިދާޅުވީ، މިއީ މިއަދު ރައްޔިތުން އުޅެމުންދާ ހާލަތު ކަމަށެވެ.
އެހެންނަމަވެސް
މި ހަގީގަތްތައް މިހެން ހުރިއިރުވެސް، ރައީސުލްޖުމްހޫރިއްޔާ ދައްކަވަނީ ލޯނުތައް ދައްކަމުންދާ
ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮންމެ ސަރުކާރަކުންވެސް ދައުލަތުގެ ލޯނުތައް ދައްކަމުންދާނެ
ކަމަށާއި، އެހެން ސަރުކާރުތަކުން ލޯނު ދައްކަމުންވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ
ކަންކަން ކޮށްދީފައިވާ ކަމަށް ރިޔާޒު ފާހަގަކުރެއްވިއެވެ.
އިޤްތިސާދު މިއަދު މިއޮތީ ހަލާކުވެފައި، ރައްޔިތުން މިއަދު މި ތިބީ ހަލާކުވެފައި، ބޭސް ލިބެނީއެއް ނޫން، އެއްޗަކަށް ޕޭމަންޓެއް ހެދެނީއެއް ނޫން، ދެން ކޮބައިތޯ ލިބުނު ކާމިޔާބީއަކީ މި ވެރިކަމުގައި؟ ރެކޯޑު މިންވަރަކަށް ޑޮލަރުގެ އަގު ވަނީ އަރާފައި، މިއީ ރައްޔިތުން އުޅޭ ހާލަކީ. އެވަރުންވެސް ރައީސް ދައްކަވާ ވާހަކައަކީ ލޯނެއް ދައްކައިފީމޭ، އެހެން ވެރިކަންތަކުގައިވެސް ލޯނުތައް ދައްކާ، އެކަމަކު ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭ،އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު
ސަރުކާރުން
އާންމުންނަށް އޮޅުވާލަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން ރިޔާޒު ވިދާޅުވީ، މި ސަރުކާރުން
ލޯނު ނުނަގައި ޚިދުމަތް ދެމުންދާކަމަށް ވަރަށް ބާރަށް ބުނަމުންދިޔަ ނަމަވެސް ކަން އޮތީ
އެހެން ނޫން ކަމަށެވެ. ހަގީގަތަކީ ސަރުކާރުން ލޯނު ނުނަގަނީ ނޫން ކަމަށާއި، އެއްވެސް
މާލީ އިދާރާއަކުން ނުވަތަ ތަނަކުން ސަރުކާރަށް ލޯނު ދޫނުކުރަނީ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާޒު އިތުރަށް
ވިދާޅުވީ ބޭރުގެ ފަރާތްތަކުން ސަރުކާރަށް ލޯނު ދޫނުކުރަނީ މިއަދު ސަރުކާރަށް އޮތް އިތުބާރު
ގެއްލިފައިވާތީ ކަމަށެވެ. މި ސަބަބާ ހުރެ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމުގައި ބޮޑެތި
ގޮންޖެހުންތަކެއް ކުރިމަތިވެ، މުޅި އިޤްތިސާދީ ނިޒާމު ބޮއްސުންލައިގެން ގޮސްފައިވާ
ކަމަށް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.