ތަޢުލީމު ލިބިފައިވާ މީހާގެ ކިބައިން ފާޅުވާ ހަރުދަނާ އަޚްލާޤުތަކެއް ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ
އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ
އެފަދައިން ވިދާޅުވީ މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން
ސާޖިދާ ވިދާޅުވީ، ތަރައްޤީއަކީ އިންސާނާއަށް އަންނަ ބަދަލަކަށް ކިޔާ
ނަމެއްކަމަށާއި، ތަޢުލީމަކީ އިންސާނާ ތަރައްޤީކޮށްދޭ ވަސީލަތެއް ކަމަށެވެ.
މީގެ އިތުރުން، ތަޢުލީމު ލިބިފައިވާ މީހާގެ
ކިބައިން ފާޅުވާ ހަރުދަނާ އަޚްލާޤުތަކެއް ހުންނަކަންވެސް އެކަމަނާ ވަނީ
ހަނދާންކޮށްދެއްވާފައެވެ. އަދި ދީނަށް ތެދުވެރި، ޤައުމަށް ވަފާތެރި،
މަސައްކަތުގައި ފަރުވާތެރި ފަޚްރުވެރި ދިވެހިދަރިޔަކަށްވުމަށް، ދަރިވަރުންގެ
ކިބައިންވެސް ވަނީ އެދިވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި އެކަމަނާ ދެއްކެވި
ވާހަކަފުޅުގައި، މިއާންޒް ކޮލެޖަކީ ކުރުމުއްދަތެއްގައި، ހަލުވި ދުވެލީގައި ކާމީޔާބީއަށް
ވާޞިލުވި މުއައްސަސާއެއްކަން ފާހަގަކުރައްވައި، ޤައުމީ ފެންވަރެއްގައި ރަނގަޅު
ތަރުބަވީ އާޖީލެއްގެ ބިންގާ އެޅުނީތީ މުޅި ދައުލަތްވެސް އުފާކުރާކަމުގައި
ވިދާޅުވިއެވެ.
މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން
ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ދަޢުލަތުގެ އިސްވެރިންނާއި، ބޭރު
ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި، ކޮލެޖުގެ އިސްވެރިންނާއި މުވައްޒަފުންނާއި
ދަރިވަރުން ބައިވެރިވެވަޑައިގަތެވެ.