ދިވެހި ރައްޔިތުންގެ
ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ ސެކްރެޓޭރިއަޓުގައި "ބޮޑު ބަދަލު"
އޮފީސް ޤާއިމުކޮށްފިއެވެ.
މި އޮފީސް
ޤާއިމުކުރުމަށް ނިންމީ 2026 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 35 ވަނަ ޤައުމީ މަޖިލީހުގެ
ޖަލްސާގައި ރިޔާސަތުން އިއްވަވައި، މެންބަރުން ފާސްކުރައްވައިގެންނެވެ. މި ނިންމުން
ފާސްކުރުމަށްފަހު، އެމްޑީޕީން މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރުމުގެ ގޮތުން
އާދިއްތަ ދުވަހު ބަޔާނެއް ނެރެފައިވެއެވެ.
މި އޮފީސް ޤާއިމު ކުރުމާ ގުޅޭ ނިންމުން ފާސްކޮށްފައި ވަނީ
އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
އިންތިހާބުވެ ވަޑައިގަތުމަށް ފަހު، އެމަނިކުފާނުގެ ރިޔާސަތުގައި ބޭއްވި ފުރަތަމަ
ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
އެމްޑީޕީން
މައުލޫމާތު ދޭ ގޮތުގައި މި އޮފީހުގެ ޑައިރެކްޓަރ ޖެނެރަލްގެ ގޮތުގައި ހަމަޖައްސާފައިވަނީ
އަލްއުސްތާޛު ޙަސަން ލަޠީފުއެވެ.
އެމްޑީޕީއަކީ
ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި ހިނގަމުންދާ ޕާޓީއެކެވެ. މި ޕާޓީން
އަބަދުވެސް ޕާޓީގެ ހަރަކާތްތައް ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ޚިދުމަތްކުރުމުގެ
މަސައްކަތްތައް ފުޅާކުރުމަށް މަސައްކަތްކުރެއެވެ.
"ބޮޑުބަދަލު"
ކެމްޕޭނަކީ ނަޝީދު އެމްޑީޕީގެ ޗެއަރޕަރސަންކަމަށް ވާދަކުރެއްވިއިރު ކުރިއަށް
ގެންދެވި ކެމްޕޭނެވެ. އެގޮތުން މި ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ހިމެނިފައިވަނީ
ވެރިކަން ކުރުމުގެ ނިޒާމާ ގުޅޭ ބަދަލުތަކާއި، އިސްލާޙު ކުރަން ހުށަހަޅާ
ކަންކަމެވެ. އޭގެ ތެރޭގައި ޤާނޫނީ އޮނިގަނޑަށް ގެންނަން ފެންނަ ބަދަލުތަކާއި،
ދައުލަތް ހިންގުން ހަރުދަނާ ކުރުމަށް ގެންނަން ފެންނަ ބަދަލުތައްވެސް
ހިމެނިފައިވެއެވެ. އެ ބަދަލުތަކުގެ ތަފްސީލުތައް ކެމްޕޭނުގެ ތެރެއިން ރައީސް
ނަޝީދުގެ ޓީމުން ވަނީ ހިއްސާކުރައްވާފައެވެ.