މި ސަރުކާރުގެ
އަސްލު މައްސަލައަކީ އިސްރާފު ބޮޑުވުމާއި ކޮރަޕްޝަނާއި ވައްކަން އިތުރުވެގެން ދިއުން
ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ހުރަސް އެޅިގެންދާކަމަށް
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު
(ބޮންޑާ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ
ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ، އެއްކޮޅުން މުވައްޒަފުންގެ
މުސާރަ ބޮޑުކުރިކަމަށް ކިޔަމުންދާއިރު، ހަގީގަތުގައި މުސާރަތައް ވަނީ އިތުރަށް ކުޑަވެފައި
ކަމަށެވެ. ދައުލަތުގެ ހުރިހާ އިދާރާއަކަށް ބަލާއިރުވެސް ޖުމުލަކޮށް މުވައްޒަފުންގެ
މުސާރަ އިތުރަށް ކުޑަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ،
ޑޮލަރުގެ އަގުވެސް އެތައް ގުނައެއް މައްޗަށް ގޮސްފައިވާ ކަމަށާއި، ރާއްޖެއިން ބޭރުން
އެތައް ޚިދުމަތް ހޯދަން ޖެހޭއިރު، އެކަމުގެ ސަބަބުންވެސް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ
ކަމަށެވެ.
ބޮންޑާ ވިދާޅުވީ،
ހަގީގަތުގައި ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ މުޅި
ޚަރަދު ބޮޑުވެގެންދާ ކަމަށާއި، އޭގެ އަސަރު މި ކުރަނީ އާދައިގެ މުވައްޒަފުންނަށް ކަމަށެވެ.
މި ސަރުކާރުގެ އަސްލު މައްސަލައަކީ އިސްރާފު ބޮޑުވުން، އަދި ކޮރަޕްޝަނާއި ވައްކަން އިތުރުވެގެން ދިއުމަކީވެސް މި ސަރުކާރުގެ ބޮޑު މައްސަލައެއް، އެކަމުގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ހުރަސް އެޅިގެންދޭ. ހަގީގަތުގައި ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ މުޅި ޚަރަދު ބޮޑުވެގެންދަނީ، އަދި އޭގެ އަސަރު މި ކުރަނީ އާދައިގެ މުވައްޒަފުންނަށް.މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)
ބޭސްފަރުވާގެ
ޚިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ، ސަރުކާރުން ވައުދުވެފައި
އޮތީ ޔޫރަޕް ކޮލިޓީގެ ބޭސް ގެންނާނެކަމަށް ކަމަށާއި، އެއީ މެނިފެސްޓޯގައިވެސް ހިމެނޭކަމެއް
ކަމަށެވެ. ނަމަވެސް ވެރިކަމަށް ތިން އަހަރުވެގެންދާއިރު އެ ވިދާޅުވި ގޮތަށް ޔޫރަޕުންނާއި
ދުބާއީއިން ބޭހެއް ނުގެނޭކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ،
ސަރުކާރުން ބޭސް އެތެރެކުރަމުން ދިޔައީ ބަންގްލަދޭޝް ބަޔަކު މެދުވެރިކޮށް ކަމަށާއި،
ނަމަވެސް އެމީހުންނަށްވެސް ފައިސާ ނުދޭތީ އެކަން އޮތީ މެދުކެނޑިފައި ކަމަށެވެ. ދެން
އަނެއްކާވެސް ބޭސް ގެންނަން ފެށީ އިންޑިއާ ކުންފުންޏަކުން ކަމަށާއި، ނަމަވެސް އެމީހުންނަށްވެސް
ފައިސާ ނުދީގެން އެކަންތައް ހުއްޓިއްޖެ ކަމަށް ބޮންޑާ ވިދާޅުވިއެވެ.
މި ސަރުކާރުގެ
އިސްރާފާއި ކޮރަޕްޝަން ހުއްޓުވަން ޖެހޭކަމަށާއި، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް
ފުރިހަމަކުރަން ޖެހޭކަމަށް ބޮންޑާ ވަނީ ފާހަގަކުރައްވާފައެވެ.