ރިސޯޓުތަކުގެ ކުލީގެ މުއްދަތު ހަމަވުމުން ބަދަލުދޭން އެކުލަވާލި އުސޫލަކީ ވަކި ބަޔަކަށް ފައިދާ ހޯދައިދޭން ހަދާފައިވާ އުސޫލެއްކަމަށް
ޤާނޫނީ ވަކީލު އަހުމަދު މައުރޫފް ވިދާޅުވެއްޖެއެވެ.
ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކުގެ
ކުލި މުއްދަތު ހަމަވެގެން ނުވަތަ ދައުލަތުން ބޭނުންވެގެން ރަށް ނަގާ ހާލަތްތަކުގައި
ބަދަލު ދޭނެ ގޮތުގެ އުސޫލެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ދާދި ފަހުން ވަނީ އާންމުކޮށްފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި
މައުރޫފް ވިދާޅުވީ، މިއީ ކޮންމެވެސް ބަޔަކަށް ދައުލަތުގެ ފައިސާތަކެއް ދިނުމުގެ މަގު
ފަހިކުރުމަށްޓަކައި ހަދާފައިވާ އުސޫލެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މައުރޫފް ވިދާޅުވި ގޮތުގައި ރިސޯޓެއް ހަދަން ދޫކޮށްފައިވާ
ރަށެއްގެ ލީސް ޕީރިއަޑް ނުވަތަ ކުލީގެ މުއްދަތު ހަމަވުމުން އެ އެއްބަސްވުމުގެ ކަންކަން
އެ ނިމުނީއެވެ. އެފަދަ ހާލަތެއްގައި ރަށުގައި ހުންނަ އުފުލޭ މުދާ ބޭރު ކުރުމުގެ ފުރުސަތު
އިންވެސްޓަރަށް އޮންނަންވާނެ ކަމަށާއި، ނަމަވެސް އެ ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓަށް
ދައުލަތުން ބަދަލު ދޭންޖެހޭނެ އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމުގެ ސަބަބުތައް ތަފްސީލުކޮށްދެއްވަމުން މައުރޫފް
ވިދާޅުވީ، ރިސޯޓު ތަރައްގީކުރަން އިންވެސްޓަރުން އިންވެސްޓު ކުރަނީ މުއްދަތު ސާފުކޮށް
އެނގެން އޮތް އެގްރީމަންޓެއްގެ ދަށުން، ވަކި މުއްދަތަކަށް އަމިއްލަ ރިސްކުގައި ކަމަށެވެ.
އަދި ލީސް ޕީރިއަޑް ހަމަވާއިރު އާންމު އުސޫލުން އެ އިންވެސްޓްމަންޓުން ލިބެންޖެހޭ ފައިދާ
އާއި ހަރަދުތައް ކަވަރު ކުރެވިފައި އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން
އެ ރަށެއް އަނބުރާ ދައުލަތަށް ނަގާއިރު، އެތަނުގައި ހުރި އިމާރާތްތަކަށާއި އިންވެސްޓްމަންޓަށް
ދައުލަތުން ފައިސާ ދޭންޖެހުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ
އުސޫލުގައިވާގޮތުން ބަދަލުގެ ގޮތުގައި ފައިސާ ލިބެނީ ކުލި މުއްދަތު ހަމަ ވެގެން
ނޫނީ ދައުލަތުން ބޭނުންވެގެން ރަށެއް ނަގާ ނަމަ އެވެ. އުސޫލުގައި އޮތް ގޮތުން،
އެއްބަސްވުމާ ހިލާފުވެގެން ރަށެއް ދައުލަތަށް ނަގާ ނަމަ، ބަދަލު ދޭކަށް ނުޖެހެ
އެވެ.