ރައްޔިތުންގެ
މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު
ބަލިކަށިވެފައިވާކަމަށް ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ
ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިކް ވިދާޅުވީ، ސަރުކާރު ކުންފުނިތަކަށް
އަތްބާނައިގެން ސަރުކާރުން ކުރަމުންދާ ވައްކަންތަކަކީ އާންމު އުސޫލުން ހިންގާ ޕްރޮޖެކްޓުތަކެއްގެ
ގޮތުގައި ބަލަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް އެކަންކަމަކީ މަޝްރޫއުތަކެއްގެ ގޮތުގައި
ބަލާނަމަ، މި ސަރުކާރުން އެންމެ ގިނައިން ހަވާލުކޮށްފައިވަނީ އެފަދަ ވައްކަމުގެ ޕްރޮޖެކްޓުތައް
ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މަޖިލީހުގެ
މެމްބަރުންގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އައިކް ވިދާޅުވީ، ވެރިކަން ކުރާ
ޕީއެންސީގެ ގިނަ މެމްބަރުންނަށް މިއަދު އެބޭފުޅުންގެ އަމިއްލަ ދާއިރާގެ ރަށްރަށަށް
އަރާލަންވެސް ނުކެރޭ ކަމަށެވެ. އޭގެ ސަބަބަކީ ރަށްރަށުގެ ކަންކަމުގައި މަޖިލީހުގައި
ވަކާލާތު ކުރާ މެމްބަރުން މަދުވުމާއި، ދާއިރާގެ ހައްގުގައި އެއްވެސް މަސައްކަތެއް އެ
މެމްބަރުންނަށް ކުރެވިފައި ނެތުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން،
އެމްޑީޕީގެ ވެރިކަމުގައި ކަން ހިނގަމުންދިޔަ ގޮތާއި މިހާރުގެ ހާލަތު އައިކް ވަނީ އަޅާކިޔުއްވާފައެވެ.

އެމްޑީޕީގެ
ސަރުކާރުގައި ކުންފުނިތަކުގެ ވެރިންނާއި ވަޒީރުން އިރުއިރުކޮޅާ މަޖިލީހަށް ހާޒިރުކޮށް
ޖަވާބުދާރީ ކުރުވި ކަމަށާއި، އޭރުގެ ވަޒީރުން އެކަން ދެކެމުން އައީ އެބޭފުޅުންގެ މަސައްކަތުގެ
ބައެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއަދު ފެންނަނީ މުޅިން ތަފާތު
މަންޒަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި އިރުއިރުކޮޅާ ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި، ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވި، އޭރު ވަޒީރުންވެސް މަޖިލީހަށް ޖަވާބުދާރީވަމުން ދިޔައީ އެބޭފުޅުންގެ މަސައްކަތުގެ ބައެއްގެ ގޮތުގައި އެކަން ދެކިގެން، ނަމަވެސް މިއަދު ފެންނަނީ އެ މަންޒަރެއް ނޫން.
ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ

އައިކް އިތުރަށް
ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަދު ހިނގަމުންދަނީ މަޖިލިސް ހިނގަންޖެހޭ އުސޫލަކުން
ނޫން ކަމަށެވެ. އަދި އެއީ ޕީއެންސީގެ މެމްބަރުންނަށްވެސް މިއަދު ގަބޫލުކުރެވޭނެ ހަގީގަތެއް
ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު
މިއަދު ބަލިކަށިވެފައިވާކަން އޭނާގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.