އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތް ދިވެހިންނަށް ލިބޭނެކަމަށް ސަރުކާރުން އިއުލާންކޮށްފައިވީ ނަމަވެސް، ޕޭޕަލްގެ އެންމެ މުހިންމު ހިދުމަތްތައް އަދިވެސް ރާއްޖެއަށް ނުލިބޭ ކަމަށް، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެކްނޮލޮޖީގެ ހިދުމަތްތައް ފޯރުކޮށްދޭ އެއް ކުންފުނި ކަމުގައިވާ ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ޖައިލަމް ވިދާޅުވެއްޖެ އެވެ.

މުވާޞަލާތާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާ އިން ކޮމްޕިއުޓަރ ސޮފްޓްވެއަރ އާއި، ސޮފްޓްވެއަރ އެޕްލިކޭޝަން ތަރައްޤީކުރުމުގެ ރޮނގުން ގައުމީ އިނާމު ހާސިލްކޮށްފައިވާ ޖައިލަމް، ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ، ޕޭޕަލްއާ ގުޅޭގޮތުން ދައްކާ ވާހަކަތަކުގެ ހަގީގަތް ނުހޯދާ މީޑިއާތަކުން އެ ވާހަކަތައް ފެތުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީ އަށް އިތުރު ތަފްސީލުދެއްވަމުން ޖައިލަމް ވިދާޅުވީ، ޕޭޕަލް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ވީ ވައުދު ފުއްދައިފި ކަމަށް ބުނެ އަދި ނިންމާލެވެން ނެތް ކަމަށެވެ.
ބައެއް މީޑިއާތަކުންނާއި ސަރުކާރުގެ އިސްފަރާތްތަކުން ފަތުރާ ޕްރޮޕަގަންޑާތަކުގެ ސަބަބުން މިކަމުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ނުލިބޭ. އަޅުގަނޑު މި ވާހަކަ ދެއްކީ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމަށް.ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ޖައިލަމް
އެމް-ފައިސާ އާއި ޕޭޕަލް ގުޅުވާލުމުން ލިބޭ ހިދުމަތްތަކަށް ބަލާއިރު، ބޭރުގެ އެކައުންޓްތަކުން ޑޮލަރުން ފައިސާ ލިބުނު ނަމަވެސް، ކޮންމެ މުއާމަލާތަކުން 3 އިންސައްތަ އާއި 4 އިންސައްތައާ ދެމެދުގެ ފީއެއް ނަގާކަން ޖައިލަމް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ބޭންކުތަކަށް ފައިސާ ފޮނުވާއިރު ނަގާ އިތުރު ފީތަކުގެ ވާހަކަ އުރީދޫ އިންނާއި ސަރުކާރުން ހާމަނުކުރާ ކަމަށާއި، މި ހުރިހާ ފީތަކެއް އެއްވުމުން މިއީ އަމަލީ ގޮތުން ބޭނުންކުރަން ފައިދާހުރި ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޕޭޕަލް މެދުވެރިކޮށް ރާއްޖޭގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ނުފޮނުވޭއިރު، ވިޔަފާރިތަކަށް ބޭނުންވާ "ބިޒްނަސް/މާޗަންޓް" ހިދުމަތްތައް ވެސް ނުލިބެ އެވެ. މީގެ ތެރޭގައި އިންވޮއިސް ފޮނުވުމާއި، ސަބްސްކްރިޕްޝަންތަކާއި، ޕޭމަންޓް ލިންކްތަކުގެ އިތުރުން ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހިމެނެ އެވެ. ޖައިލަމް ވިދާޅުވި ގޮތުގައި މީގެ ސަބަބުން ޕޭޕަލް މެދުވެރިކޮށް ވިޔަފާރިތަކަށް ލިބޭ 99 އިންސައްތަ ހިދުމަތްތަކުން ދިވެހިން މަހްރޫމްވެ އެވެ.

ރާއްޖެއަށް ލިބޭ ޕޭޕަލްގެ ހިދުމަތްތަކުގެ ދަތިކަން ބަލަމުން އުރީދޫ އެމް-ފައިސާ އިންޓަގްރޭޝަންގެ ސަބަބުން މާޗަންޓް ހިދުމަތްތަކާއި ފައިސާ ފޮނުވުމުގެ ހިދުމަތްތަކުގެ ތަފާތު ދައްކުވައިދޭ ވިޔަފާރިވެރިއެއް.
"ޓިކްޓޮކް" ފަދަ އެންމެ މުހިންމު ޕްލެޓްފޯމްތަކުން އަދިވެސް ރާއްޖޭގެ ޕޭޕަލް އެކައުންޓްތައް ބަލަައި ނުގަންނަކަމަަށް ޖައިލަމް ވިދާޅުވި އެވެ. ރާއްޖޭގައި ތައާރަފްކުރި މި ޚިދުމަތަކީ ބޭނުންތެރި އެއްޗަކަށް ހެދުމަށްޓަކައި މިކަންކަން ކޮންމެހެން އިސްލާހުވާން ޖެހޭކަމައް ވެސް ޖައިލަމް ވަނީ ވިދާޅުވެފަ އެވެ.
ޖައިލަަމް ވިދާޅުވީ ޕޭޕަލް ރާއްޖެ އަށް ލިބުނު ޚަބަރު ލިބުމާއެކު އޭނާ އަލަށް އުފެއްދި ޕްލެޓްފޯމްގައި ޕޭޕަލް ގޭޓްވޭ ހިމަނާފައިވާނެ ކަމަށެވެ. ނަމަވެސް، އޭގެން އެއްވެސް ފައިސާ ގެ މުއާމަލާތެއް ނުކުރެވުމުން، ސިޔާސީ ބޭފުޅުން ދެއްކެވި "އެއްބައި ހަގީގަތް" އެކުލެވޭ ވާހަކަތަކުގެ ސަބަބުން ލިބުނީ ބޮޑު މާޔޫސްކަމެއް ކަމަށެވެ.
އަމިއްލަ ކުންފުންޏަކާއި ސަރުކާރު ގުޅިގެން ކުރި މި މަސައްކަތް ބަލައިގަތް ނަމަވެސް، މިއީ އަދި އެކަށީގެންވާ މިންވަރުގެ ހިދުމަތެއް ނޫންކަމަށް ޖައިލަމް ވިދާޅުވި އެވެ.
ޖައިލަމް ވަނީ ޕޭޕަލްގެ ފުރިހަމަ މާޗަންޓް ހިދުމަތްތައް ލިބެންދެން އުރީދޫ އިން މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. އަދި އެކަން ހާސިލުވަންދެން ދިވެހި ރައްޔިތުން އެކަމަށް އެދި އަޑުއުފުލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.