ދިވެހިރާއްޖޭގެ ރައްޔިތުންގެ 70 އިންސައްތަ ރައްޔިތުން ގޮތް ނިންމާފައިވާ ކަމަށާއި، މިހާރު ވެސް ކުރިއަށް މި ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ވައްޑެ މިފަދައިން ވިދާޅުވީ އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، މި ސަރުކާރާއެކު، ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހަރަދު އިންތިހާއަށް ބޮޑުވެފައިވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ. 

ވައްޑެ ވިދާޅުވީ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތި ކުރަމުންދާ ކަމަށާއި، މިހާރު ގައުމު މިދަނީ ޖާހިލިއްޔަ ޒަމާނަށްވުރެ ފަހަތަށް ކަމަށެވެ.  އަދި ވަޒީފާގެ ބިރުވެރިކަން އުފައްދައި، ސަރުކާރު އެއްވެސް މުވައްޒަފެއްގެ މިއަދު ވަޒީފާގެ ޔަގީންކަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވައި ވައްޑެ ވިދާޅުވީ، ނަތީޖާއެއް ގޮތުން ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެފައިވާ ކަމަށާއި، ރައްޔިތުންގެ 70 ޕަސެންޓް ގޮތް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ވެސް ކުރިއަށް މިދަނީ ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާއެއްް ކަމަށް އޭނާ ވިދާޅުވި އެވެ.


އަޅުގަނޑުމެންގެ ގައުމު ޖާހިލިއްޔަ ޒަމާނަށްވުރެ ފަހަތަށް މީނާ މި ވައްޓާލަނީ. ސަރުކާރު އެއްވެސް މުވައްޒަފެއްގެ މިއަދު ވަޒީފާގެ ޔަގީންކަން ނެތް. އޭނާ ވިސްނާ ވިސްނުމެއްގެ މައްޗަށް ވަކި ގޮތަކަށް ގުދުވެގެން ވަކި ގޮތަކަށް އެނބުރިގެން ނޫން ގޮތަކަށް މިހާރު މިރާއްޖޭގައި ވަޒީފާގެ ޔަގީންކަން ނެތް. ސަރުކާރުން ފޯރުވައިދޭ އެއްވެސް ޚިދުމަތެއްގެ ޔަގީންކަން ނެތް. މިހާލަތަށް ގައުމު ވައްޓާލީމަ އަޅުގަނޑުމެން އެބަ ޖެހޭ މީނާ ބާލަން. 
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)

ވައްޑެ ވިދާޅުވީ ރައްޔިތުންގެ އަޑު ނާހާ، ރައީސް މުއިއްޒު ކިބުރުވެރިކަމާއި ބޮޑާކަން ދައްކާނަމަ ކޮންމެ ފަހަރަކު ވެސް އެމްޑީޕީން މަގު މައްޗަށް ނުކުމެ، ސަރުކާރު ތަޅުވާލާނެ ކަމަށެވެ. އަދި މިސަރުކާރުގެ ތަނޑި  އިނީ ހިކިފައި ކަމަށް އޭނާ ވިދާޅުވި އެވެ.