މ. މުލީ އެއާޕޯޓާއެކު އެ އަތޮޅުގައި ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާ ވަމުންދާ ކަމަށާއި، ނަމަވެސް ބައެއް ރަށްތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބޭތީ އެކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް ކުރާ ކަމަށް އެ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އިހުސާން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މުލަކަތޮޅުގައި ފުރަތަމަ ގާއިމް ކުރި މިއެއާޕޯޓާއެކު ފަތުރުވެރިކަމުގެ ސިނާއަތަށް އާރޯކަން ލިބިފައިވާ ކަމަށާއި، ބޮޑެތި ޕްރޮޖެކްޓްތައް އަތޮޅުގެ ރަށްތަކަށް ލިބޭ ކަމަށެވެ.

އަތޮޅުގެ ހުރިހާ ރަށެއްގައި ފަތުރުވެރިކަން ކުރިއަރަމުން އަންނަކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ ނަމަވެސް ބައެއް ޚިދުމަތްތައް ނުލިބޭތީ މި ސިނާއަތް ނުވަތަ ވިޔަފާރި ފުޅާ ކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. 

އެގޮތުން ބައެއް ރަށްތަކުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމް ނުކުރެވޭ ކަމަށާއި، މި ޚިދުމަތް ނުލިބޭތީ ގެސްޓްހައުސް ވިޔަފާރި ނުފެށި މަޑު ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދެވި މަސައްކަތެއް މުލަކު އަތޮޅުގައި އެއާޕޯޓެއް ގާއިމް ކުރުމުގެ މަސައްކަތަކީ. އެމަސައްކަތާއެކު ޓޫރިޒަމްގެ ވަރަށް ބޮޑެތި ޕްރޮޖެކްޓްތަކެއް އަޅުގަނޑުމެންގެ އަތޮޅުގެ ރަށްތަކަށް އަންނަމުން އެބަ ދޭ. ކޮޅުފުއްޓަށް ބަލާލި ކަމުގައި ވިޔަސް، މުލަކަށް ބަލާލި ކަމުގައި ވިޔަސް، ނާލާފުއްޓަށް ބަލާލި ކަމުގައި ވިޔަސް. އެހެންވީމަ މިރަށްރަށުގައި މިދެންނެވި ޕްރޮޖެކްޓްތައް ފަތު އަޑު ކިޔާފައި ކުރިއަށް އެބަދޭ. އެހެންނަމަވެސް މިތަންތަނަށް މިވަގުތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެނާއި ނަރުދަމާ ގާއިމް ނުކުރެވި ހުރި މައްސަލަ. ނިމިފައި ހުރި އެތައް ބަައިވަރު ކޮޓަރިއެއް އެބަހުރި. ބޭނުން ނުކުރެވިފައި އެތަންތަނުން ޚިދުމަތް ދޭން ނުފެށިފައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ނުދެވިގެން.  
މުލަކު ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން  

އިހުސާން ވިދާޅުވީ ފެނާއި ނަރުދަމާގެ މައްސަލައަށް އަވަސް ހަލެއް އަންނަން ޖެހޭ ކަމަށެވެ. އަދި މިމަޝްރޫއުތައް އަވަހަށް ކުރިއަށް ގެންގޮސް ނިންމައިދިނުމަށް އޭނާ ގޮވާލެއްވި އެވެ.