އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކާ ދިމާކޮށް މ. ނާލާފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށި ނަމަވެސް މިހާރު ހިއްކި ސަރަހައްދު ގިރަން ފަށައިފި އެވެ. 

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން ވަނީ ނާލާފުށީގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. 

ބިން ހިއްކުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި އިހުސާން ވިދާޅުވީ އެރަށުގެ ބިން އިތުރު ކުރުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް މިހާރު އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި، ހިއްކި ސަރަހައްދު ވެސް ގިރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އިހުސާން ވިދާޅުވީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވެމުން ދިޔަ އެތައް މަސައްކަތްތަކެއް ހުއްޓި ރައްޔިތުންނަށް ނިކަމެތިކަން ކޮންމެ ދުވަހަކު ވެސް ލިބެމުންދާ ކަމަށެވެ.

ނާލާފުށީގައި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ރަށް ބޮޑު ކުރުމުގެ ޕްރޮޖެކްޓެއް ހަގީގަތުގައި ފަށައިގެން ކުރިއަށް ގެންދިޔަ. އެ ޕްރޮޖެކްޓްގެ މަސައްކަތް ވަކި ހިސާބަކަށް ގޮސްފައި އިންތިޚާބު ނިމުމާއެކު އެކަަން ވެސް ހުއްޓިއްޖެ. އަޅާފައި އޮތް ފަސްކޮޅު ވެސް ގިރަމުން ފައިބަމުން އެ ދަނީ. 
މުލަކު ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން

ނާލާފުށި ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ރައީސް މ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން 22 ސެޕްޓެންބަރު 2025 ގަ އެވެ. 

އެމްޓީސީސީން ބުނީ،  546 މީހުންގެ އާބާދީއެއް އޮންނަ ނާލާފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ނިމުމާއެކު އެރަށަށް ޒަމާނުއްސުރެ ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބި، ރަށުން ގޯތި ދޫކުރުމަށާއި، ސިނާއީ މަސައްކަތްކުރުމަށް އިތުރު ޖާގަ ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ރަށް ގިރުމުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ. 

އެމްޓީސީސީން ބުނީ އެ މަޝްރޫއުތަކުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އުމްރާނީ ގޮތުންނާއި އިގުތިސާދީގޮތުން ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 15.48 ހެކްޓަރުގެ ބިން ހިއްކުމާއި، 993 މީޓަރުގެ ބަޔޮސްވޭލެއް ހެދުމާއި، 709 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 440 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. އެ މަޝްރޫއަކީ 172.79 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.