މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ހިނގާފައިވާ އެކިއެކި ސްކޭމް މައްސަލަތަކުގައި އާންމު ރައްޔިތުންގެ އަތުން 33 މިލިޔަން ރުފިޔާއަށްވުރެ ގިނަ ފައިސާ ގެއްލިފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފި އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ފުލުހުން ބުނީ، މި މުއްދަތުގެ ތެރޭގައި 2،700 އަށްވުރެ ގިނަ ސްކޭމް މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ އަތުލުމާއި، ސައިބާ ކްރައިމް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތައް މިހާރު ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ 90 އިންސައްތައަކީ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ މުއާމަލާތްތަކެވެ. އަދި މީގެ ތެރެއިން 99 އިންސައްތަ މައްސަލައަކީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާފައިވާ ކަންކަން ކަމަށް ފުލުހުން ބުނެ އެވެ.

މީސްމީޑިއާގެ ވަސީލަތްތަކުގެ ތެރެއިން "ފޭސްބުކް މާކެޓް ޕްލޭސް" އަކީ މިފަދަ ޖަރީމާތައް އެންމެ ގިނައިން ހިންގާ ތަން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން މުޅި ޖުމްލަ ސްކޭމްތަކުގެ 95 އިންސައްތަ ހިއްސާކުރަނީ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުންނެވެ. ޒަމާނީ ޓެކްނޮލޮޖީއާއެކު ސްކޭމްތައް ހިންގާ އުކުޅުތަކަށް ބަދަލު އަންނަމުންދާތީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާ "ޑީޕް ފޭކް" ކޮންޓެންޓްތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށް ފައެވެ.

މީގެ އިތުރުން، މި ދުވަސްވަރަކީ ވޯލްޑްކަޕްގެ ފޯރި ގަދަ ދުވަސްވަރަކަށް ވުމާއެކު، މުބާރާތާ ގުޅުވައިގެން ހިންގާ "ޓްރެންޑް ބޭސްޑް" ސްކޭމްތައް ވެސް އިތުރުވަމުންދާކަން ފުލުހުން ފާހަގަކުރެ އެވެ. ވޯލްޑްކަޕް ފެށުނު ދުވަހު މީސްމީޑިއާގައި އާންމުކުރި ބައެއް ސްކޭމް އެކައުންޓުތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާއިރު، އެ އެކައުންޓުތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ މީސްމީޑިއާއިން އަންނަ ކޮންމެ ރިކުއެސްޓަކީ އަސްލު މީހެއް ކަމަށް ގަބޫލުނުކުރުމަށާއި، ގަބޫލުކުރަން ދަތި މިންވަރުގެ ބޮޑެތި ފައިދާތައް ދައްކައިގެން ކުރާ ހުށަހެޅުންތަކަށް ސަމާލުވުމަށް އާންމުންނަށް ނަސޭހަތްތެރިވެފައެވެ. އަދި އެއްވެސް މީހަކު ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ވީހާވެސް އަވަހަކަށް ފުލުހުންގެ ހޮޓްލައިން ނަންބަރު 125 އަށް ގުޅައި އެކަން ރިޕޯޓްކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.