ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން، ޓްރާންސްޕޯޓިގެ ޚިދުމަތްތައް ހުއްޓާލުމާއެކު ކަންބޮޑުވުން ފާޅުކުރައްވަމުން, އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ ވިސްނުންފުޅު އެބަހުރި ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޠިފް މިފަދައިން ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު އަތޮޅު ކައުންސިލްތަކުން ދެމުންދިޔަ ޓްރާންސްޕޯޓުގެ ޚިދުމަތްތައް ހުއްޓާލުމާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ސަރުކާރުގެ ކޮށި ވިސްނުމާއި ދޯހޮޅި ސިޔާސަތުތަކުގެ ސަބަބުން ހުރިހާ ތަކުލީފެއް އުފުލަން ޖެހިފައި ވަނީ ރައްޔިތުންނަށް ކަމަށާއި, އަތޮޅު ކައުންސިލްތައް އުވާލި އިރު، އެތަންތަނުން ދެމުންގެންދިޔަ ޚިދުމަތްތައް މެދުނުކެނޑި ދެވޭނެ އެހެން އެއްވެސް އިންތިޒާމެއް ހަމަޖެހިފައި ނެތްކަން މޭޔަރ ޢާޠިފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަތޮޅު ރައްޔިތުންގެ މާލިއްޔާއަށް އާމްދަނީ ހޯދުމަށް އުފައްދާފައި ހުރި ވިޔަފާރިތަކަށް ވާނެ ގޮތެއް ސަރުކާރުން ނިންމާފައި ނުވާ ކަމަށާއި، އަތޮޅު ރައްޔިތުންގެ ނަމުގައި ހުރި ފައިސާއާއި ހަރުމުދާ ރައްޔިތުންގެ އެއްވެސް ބަހެއް ނެތި އަތުލާފައިވާ ކަމަށްވެސް މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ.

މޭޔަރ ވިދާޅުވީ، އަތޮޅެއްގެ އިދާރީ ހިންގުން ތަރުތީބު ކުރާނެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާއި، ރަށްރަށުގެ މެދުގައި މަޝްވަރާކޮށް ގުޅިގެން މަސައްކަތް ކުރުމަށް އޮތް ހަމައެކަނި ފުރުސަތުވެސް ސަރުކާރުން ނައްތާލާފައިވާ ކަމަށެވެ.

އަތޮޅު ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމަކީ އަޅުގަނޑުގެ ވިސްނުމެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުގެ ރަށްރަށުގެ ވެރިންނާއި މަޝްވަރާކޮށް، އެކަން ކުރެވޭނެ ރަނގަޅު ނިޒާމެއް އަޅުގަނޑުމެން ހޯދާނަން.
މޭޔަރ މުޙައްމަދު ޢާޠިފް

މޭޔަރ ޢާޠިފް އިތުރަށް ވިދާޅުވީ، ހުރިހާ ރަށެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ، ރައްޔިތުންނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.