މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 15،601 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަނެފައި ވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސް އަށް ބެލެވިގެން، ޖޫން 18 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަންގައި ޖެނެރަލް ކާގޯގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކުރުމުން، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުރި ކަން ފާހަގަވި ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
ކަސްޓަމްސް އިން ބުނީ ޖުމްލަ 15،601 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ގެނެވިފައިވާކަމަށެވެ. މިއީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެ އަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ތާރީޚް ކަމަށްވާ 15 ނޮވެންބަރު 2024 ގެ ފަހުން، ރާއްޖެ އަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓުކަމަށެވެ.
މިއާއެކު ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި ހިންގުނު އޮޕަރޭޝަންތަކުގައި ކަސްޓަމްސް އިން އަތުލައިގަތް ވޭޕް ކާޓްރިޖްތަކުގެ އަދަދު 22،000 އަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ. ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި ކަސްޓަމްސް އިން 3 އޮޕަރޭޝަން ހިންގާފައިވާއިރު، ޖުމްލަ 22،309 ވޭޕް ކާޓްރިޖް އަތުލައިގަނެފައިވެ އެވެ. ކަސްޓަމްސް އިން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް 2024 ވަނަ އަހަރު ގެނައި އިސްލާހާ އެކު، އެ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރާއްޖެ އަށް ވޭޕު އެތެރެ ކުރުމާއި، ރާއްޖޭގައި ވޭޕު ވިއްކުމާއި ބޭނުންކުރުން މުޅިން މަނާކޮށްފައިވެ އެވެ. ސަރުކާރުން މި ފިޔަވަޅު އަޅާފައި ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ޒުވާނުންގެ މެދުގައި ވޭޕް ބޭނުންކުރުން އިތުރުވަމުންދާތީ އެކަން ހުއްޓުވުމުގެ ނަމުގަ އެވެ.
ނަމަވެސް ސަރުކާރުގެ މި ނިންމުމާއެކު ވޭޕުގެ ވަގު ވިޔަފާރީގެ ބޮޑު ނެޓްވޯކެއް އުފެދިފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ.