ދިވެހިރާއްޖޭގެ އިޖްތިމާއީ ނިޒާމް އެއްކޮށް ފެއިލްވެފައިވާ ކަމަށާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް މި ސަރުކާރުން އިހުމާލު ވެފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން ވިދާޅުވެއްޖެ އެވެ. 

ސޯޝަލް މިޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިފްހާމް ވިދާޅުވީ މިނިސްޓްރީ އޮފް ހެލްތާއި ސޯޝަލް މިނިސްޓްރީ އެއްކޮށްލުމަށް ނިންމި ނިންމުމާ ގުޅިގެން، އިޖުތިމާޢީ ދާއިރާގެ މަސައްކަތްތައް ހަމައެކަނި ހެލްތު މިނިސްޓްރީގެ ޑިޕާޓްމެންޓެއްގެ ފެންވަރުގައި ހިންގަމުންދާތީ، އެ ދާއިރާއަށް ދޭން ޖެހޭ އަހައްމިއްޔަތުކަން ކުޑަވެ، މުޅި ނިޒާމު ފެއިލްވެފައިވާ ކަމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުން ލިބެމުން ދާ ކަމަށެވެ. 

ވަކިން ޚާއްސަކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަންކަން ބެލެހެއްޓުމުގައި އިހުމާލުވެ، މުޅި ނިޒާމު ހީނަރުވެފައިވާކަން ފާހަގަކުރެވޭ ކަމަށް އިފްހާމް ވިދާޅުވި އެވެ. 

އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދަފްތަރުކުރުން ލަސްވުމުގެ ސަބަބުން، އެފަރާތްތަކަށް ކޮންމެހެން ލިބެންޖެހޭ އަސާސީ ރައްކާތެރިކަމާއި ޚިދުމަތްތަކުން މަޙްރޫމްވަމުންދާކަމީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އިފްހާމް އިތުރަށް ވިދާޅުވީ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކުގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކުގެ އެލަވަންސް ނުލިބި ލަސްވުމާއި، ކޮންމެހެން ދޭންޖެހޭ އަސާސީ ހިދުމަތްތައް ނުދެވި، މިފަދަ ކަންކަމުގައި ޒިންމާވާނެ ފަރާތެއް ނެތި ބޮއްސުންލާފައިވާ ކަމަށެވެ. 

އެހެންކަމުން، އިޖުތިމާއީ ދާއިރާއިން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކަ މި ނިޒާމު ހަރުދަނާކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. 

އިފްހާމް އެހެން ވިދާޅުވި އިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން ދޫކުރާ މާލީ އިނާޔަތް ބަރާބަރަށް ޖަމާވަމުން ނުދާތީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ސަރުކާރުުގެ ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.