މުޅިރާއްޖޭގައި އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން މިއަދު ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، އެމްޑީޕީން މަގު މައްޗަށް ނުކުތީ އެފަދަ މުވައްޒަފުންގެ ހައްގުގައި ކަމަށް އެޕާޓީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ޝިފާޒު ވިދާޅުވީ މުޅި ރާއްޖޭގައި އޮތީ ވަޒީފާގެ ބިރުވެރިކަން ކަމަށާއި، މުޅި ރާއްޖޭގައި ހިންގަމުންދާ އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން މިއަދު ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. 

ޝިފާޒު ވިދާޅުވީ ސްޓޭޓް ފާމަރ ނަމަކަށް ކިޔާ ކަރުދާސް ކުންފުންޏެއް އުފައްދައި އެކުންފުނީގެ ދަށަށް މުވައްޒަފުން ބަދަލު ކުރާ ކަމަށާއި، އެމުވައްޒަފުންގެ ހުރިހާ އެލަވަންސްތަކާއި، އިނާއަތްތައް ކެނޑޭ ކަމަށެވެ. މިއީ މުވައްޒަފުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިސަރުކާރުން މުވައްޒަފުން މަދު ކުރުމަށް ގެންގުޅެނީ ވަރަށް ނާގާބިލް ވަރަށް ނާތަހުޒީބު ގޮތްތަކެއް ކަމަށެވެ. 

800 މުވައްޒަފުން އެސްޓީއޯގެ ފަރމަސީތަކުގައި ވަޒީފާ އަދާކުރޭ މުޅި ރާއްޖޭގައި. މިއަދު އެ ރައްޔިތުން އެ މުވައްޒަފުން އެތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި. ސްޓޭޓް ފާމަރ ކިޔާ ކުންފުންޏެއް އުފަން ކޮށްފި. އެއީ ކަރުދާސް ކުންފުންޏެއް. އެ ކުންފުނީގެ ދަށަށް މިހުރިހާ މުވައްޒަފުން އެ ބަދަލުކުރަނީ. އެމީހުންގެ ހުރިހާ އެލަވަންސްއެއް ކެނޑޭ. އެމީހުންނަށް ދެން ވާނެ ގޮތެއް ނޭނގޭ. އެސްޓީއޯގައި ވަޒީފާ އަދާކުރާ 800 މުވައްޒަފުން އެ ބަދަލުކުރަނީ ސްޓޭޓް ފާމާރ ކިޔާ ކުންފުންޏެއް އުފައްދާފައި. އެ ކުންފުނީގެ މުވައްޒަފުންގެ ގޮތަށް. އެއީ ރާއްޖޭގެ އެތައް ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުންޏެއް އެސްޓީއޯއަކީ. އެ ހިއްސާދާރުންނަށް އެނގުމަކާ ނުލާ އެކުންފުނިން އެއްބައި ވަކިކޮށްލީ.
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒު

މީގެ އިތުރުން ޝީފާޒު ވަނީ ވަރަށް ބޮޑަށް ރައީސް ޑރ.މުހައްމަދު މުއިއްޒަށް ވެސް ފާޑު ވިދާޅުވެފަ އެވެ.

ޝިފާޒު ވިދާޅުވީ ހައްގުތައް ހޯދުމަށް ރައްޔިތުން ކުރި ބުރަ މަސައްކަތްތަަކާއި، ކުރިމަތިވި އަނިޔާއާއި ތަކުލީފުތައް އަދި ދުނިޔެ އަޅައި ދިޔައީ ކިތައް ބޭފުޅުންކަން ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. 

އެހެންކަމުން މިއަދު އެމްޑީޕީން މިނުކުތީ އެކަން ރައީސް މުއިއްޒަށް އެކަން އިހުސާސް ކޮށްދޭން ކަމަށާއި، މިމަސައްކަތް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރާއްޖޭގެ ރައްޔިތުން ވަރަށް ރީތިކޮށް ވަރަށް ތަނަވަސްކޮށް ވަރަށް އުފާވެރިކޮށް އުޅެމުން އައީ އެބޭފުޅުން ސުލްހަވެރި ސިޔާސީ ހަރަކާތުގައި ބައިވެރިވަމުން. އެއީ މައްސަލައެއް ނޫން ކަމަށް މިދިޔަ 15 އަހަރު ކަށަވަރު ކުރެވުނު. މިދިޔަ 15 އަހަރު ކަށަވަރު ކުރެވުނު. އެއް ކަމަކީ ސުލްހަވެރި ސިޔާސީ ހަރަކާތް. ސުލްހަވެރި ސިޔާސީ ހަރަކާތަކީ ބިރުވެރިކަމަކާ ނުލައި އަޅުގަނޑުމެން ކޮންމެ ރައްޔިތަކު ކޮންމެ މެންބަރަކު މިއަދު ބޭނުންކުރަމުން އައި ހައްގެކޭ. އެހެންނަމަވެސް މިއަދު މިދެކޭ ގާނޫނު އަސާސީ ހޯދުމަށް އަޅުގަނޑުމެން ކުރި މަސައްކަތުގައި ގާތް އެންމެ ދާފޮދެއް ވެސް ނޯހޮރޭ ބޭފުޅެއް މިއަދު ރާއްޖޭގެ ވެރިކަމަށް ވަޑައިގެން އެ ހުންނެވީ. އެބޭފުޅާއަށް އިހުސާސް އެއް ނުވޭ މި ހައްގުތައް ރާއްޖޭގެ ރައްޔިތުން ހޯދި ގޮތެއް. 
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒު

ޝިފާޒު ވިދާޅުވީ ރައީސް މުއިއްޒަށް ރައްޔިތުންގެ މަގުބޫލު ކަމެއް ތާއީދެއް ނެތް ކަމަށެވެ. އެހެންކަމުން އެފަދަ ވެރިއެއް ރައްޔިތުންގެ މައްޗަށް ހުރުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.