އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ވެއްދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުސަތު އެ ކޯޕްރޭޝަނުން ހުޅުވާލައިފި އެވެ.
ބުރާސްފަތި ދުވަހު އެޗްޑީސީން ވަނީ މުވައްޒަފުންނަށް އެ މެމޯ ފޮނުވާފަ އެވެ.
އެ މެމޯއެއްގައި ބުނެފައިވަނީ، ރިޓަޔާމަންޓް ޕޮލިސީ އާއި ވަޒީފާއިން ރިޑަންޑަންޓްވާ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތަކަށް ކުންފުނީގެ ބޯޑުން މުހިންމު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެޗްއާރުން ފޮނުވި މި މެމޯގައި ބުނީ، އާ އޮނިގަނޑަށް ބަދަލުވާއިރު، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ދެ ފުރުސަތެއް ލިބޭނެ ކަމަށެވެ.
އެގޮތުން މި މެމޯގައި ބުނީ، އަމިއްލައަށް އެދިގެން ރިޑަންޑަންޓްވުމުން އުސޫލުގައިވާ ގޮތުގެ މަތިން ވަޒީފާއިން ވަކިވުމުގެ މާލީ އިނާޔަތެއްގެ ގޮތުގައި ފުރިހަމަ ސެވަރެންސް ޕެކޭޖެއް ލިބޭނެ ކަމަށެވެ. އަދި ދެވަނަ ގޮތަކީ އަމިއްލައަށް އެދިގެން ރިޓަޔަވުން ކަމަށާއި، މިއަށް ޝަރުތު ހަމަވާ މުވައްޒަފުންނަށް އެ މުވައްޒަފަކު ކުންފުންޏަށް ޚިދުމަތްކުރި މުއްދަތަށާއި އަދާކުރާ މަގާމަށް ރިއާޔަތްކޮށް، އެއްފަހަރާ ލިބޭ އެކަށީގެންވާ މާލީ އިނާޔަތަކާއެކު ރިޓަޔާ ކުރެވޭނެ ކަމަށް މެމޯގައި ބުނެފައިވެ އެވެ.
މީގެ އިތުރުން މެމޯގައި ބުނީ، އިތުރު ތަފްސީލާއި، ޝަރުތުތައް އަދި އެދި ހުށަހަޅަންޖެހޭ ސުންގަޑިތައް ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި ހިއުމަން ރިސޯސް ޑިޕާޓްމަންޓް މެދުވެރިކޮށް މުވައްޒަފުންނަށް ލިބޭނެ ކަމަށެވެ.
އެޗްޑީސީން މި އެންގުން މުވައްޒަފުންނަށް އަންގާފައިމިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އޭޕްރީލް މަހު އަންގާފައިވަނިކޮށެވެ. ސަރުކާރުގެ އެކި ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް ކަމަށް ބުނެ މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބޮޑު ގެެއްލުމަކާއެކު ހިންގަމުންދާ ފެނަކަ ކޯޕަރޭޝަނުން ވެސް މުވައްޒަފުން މަދުކުރުމަށް ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ޖޫން މަހުގެ ކުރީކޮޅު ދީފައިވެ އެވެ.