އެމްޑީޕީން ނުކުމެ ތިބީ ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިއާދަކުރަން އެކަނި ނޫން ކަމަށާއި، މުވައްޒަފުން ވަޒީފާއިން ވަކިކުރާ އިސްވެރިންގެ ފަހަތުން ވެސް ދުވާނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ ސަރުކާރުން، މުވައްޒަފުން ވަޒީފާއިން ކަނޑާ ކެނޑުމާއި، ވަޒީފާ އެއްރަށުން އަނެއް ރަށަށް ބަދަލުކުރާ ކުރުމަކުން ވެރިކަން ނުހިފެހެއްޓޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލިސްކުރާ ގޭތެރޭގައި ރައީސް މުއިއްޒުގެ ޅިޔަނު އިބްރާހިމްގެ ކަޅިރަވަ ދެކެވަޑައިގެންނެވި ކަމަށާއި، އެހިސާބުން ވެސް މިކަން ނިމިއްޖެކަން އެނގިޖެއް ކަމަށެވެ. ޒިޔާދު ވިދާޅުވީ ރީތި ގޮތަކީ އިސްތިއުފާ ދިނުން ކަމަށާއި، އެއިރުން ފަހަރުގައި އަތުން ގެނައި އެއްޗެއް ހިފައިގެން ދެވިދާނެ ކަމަށާއި، އިމަރޖެންސީ ހާލަތެއްގައި އެކަން ނިންމާލަން ޖެހިއްޖެއްޔާ ގެންދަން އެވެސް ނުލިބޭނެ  ކަމަށެވެ. 

ޒިޔާދު ވިދާޅުވީ ބިރުދައްކައިގެން އެމްޑީޕީ ނުސިހޭނެކަން ރައީސް މުއިއްޒު އަށް ވަރަށް ސާފުވާނެ ކަމަށެވެ. އަދި ވެރިކަން ވައްޓާލަން އެމްޑީޕީ އިން ނުނުކުމެ ތިބީ ވެރިކަން ގަދަވެގެން ނޫން ކަމަށެވެ. ސަބަބަކީ ވެރިކަމެއް ވައްޓާލާނަމޭ ބުނެ ނުކުމެ ވައްޓާލާ ވަރުގެ ވެރިކަމަކަށް ރައީސް މުއިއްޒުގެ ވެރިކަން ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. ޒިޔާދު ވިދާޅުވީ މި ވެރިކަމަކީ މުޑުދާރު، ވިޔާނުދާ ކަންކަން ކުރާ ވެރިކަމެއް ކަމަށާއި، އެހެންކަމުން ވެރިކަން ވައްޓާލަން މަގުމައްޗަށް ނުކުންނާނެ ކަމަށެވެ. 

ރައީސް މުއިއްޒު އަށް ވަރަށް އަދަބުވެރިކަމާއެކު މި ދަންނަވަނީ މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރާ ބަޔަކު އެބަތިބި. ފަހަރަކު ގޮޅިއަކަށް މުއިއްޒު އަރަމުން އެ ގެންދަނީ، މިއަދު މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ ވެސް  އެބައެއްގެ ލަފާގެ މަތިން. އެހެންނަމަވެސް މިއީ ނުބައި ގޮޅިއެއް. މަޑުމަޑުން ގޮސް ތި އިންނެވީ ކުޑަ ސޯފާއެއްގައި. މާދަމާ ހެލިލިޔަސް ވެއްޓޭނެ، ވެއްޓޭ އިރު ވެއްޓޭނީ އެކަންޏެއްވެސް ނޫން. އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ ވަޒީފާގެ ބިރު ދެއްކުން މިއަދުން މިއަދަށް ހުއްޓާލާށޭ. އެއްރަށުން އަނެއް ރަށަށް ވަޒީފާ ބަދަލުކުރުން ހުއްޓާލާފައި، ހަމަ އާދައިގެން މަތިން ކެބިނެޓް ބަދަލުކުރާހެން ތާސްބައެއް ކަނޑާލާ ބަހާލަ ބަހާލާ ހުންނަވާ. އެވެސް ދެން ބެހިއްޔާ ރަނގަޅީ ބަލައިގެން ބެހުން، ތި ތާސްބައިގައި ގިނައީ ޖޯކަރުން. ކިތައްމެ ވަރަކަށް ކަނޑާ ބަދަލުކުރިޔަސް ޖޯކަރެއް ނޫން މީހެއް އެމްޑީއަކަށް ވަޒީރަކަށް ނުގެނެވޭނެ. 
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ޒިޔާދު ވިދާޅުވީ މިހާރު ނުކުމެ މިތިބީ ވަޒީފާއިން ވަކިކުރި މުވައްޒަފުން އަނބުރާ ވަޒީފާތަކަށް އަނބުރާ ގެންނަ ގޮތަކަށް އެކަނި ނޫން ކަމަށާއި، މުވައްޒަފުން ވަޒީފާއިން ވަކިކުރާ އެމްޑީީންނާއި ޑީއެމްޑީންގެ ފަހަތުން ދުވެގެން މުވައްޒަފުންނަށް ވަޒީފާ އަނބުރާ ދެވޭނެ ގޮތަކަށް ވެސް ނޫން ކަމަށާއި، ހުއްޓުމެއް ނެތި އެ އެމްޑީންގެ ފަހަތުން ދުވާނެ ކަމަށެވެ. 

އަޅުގަނޑުމެން ގުޅަން ފަށައިފިއްޔާ ގުޅާނަން ފިސާރި ރަނގަޅަށް. ދަންވަރު ގުޅަންޖެހުނަސް އަޅުގަނޑުމެން ގުޅާނަން. އަޅުގަނޑުމެންނަކީ ގުޅަން ފަރިތަ ފަސޭހަ ބައެއް. މަގުމައްޗަށް ފަރިތަ ފަސޭހަ ބައެއް. އެކަން އެންމެ ރަނގަޅަށް އެނގޭނީ މިބޭފުޅުންނަށް. އަޅުގަނޑުމެން ހުއްޓުވުމަށް މަގުތައް ބަންދު ކުރިއަސް އަޅުގަނޑުމެން މި ނުކުރީ ރައީސް މުއިއްޒުއަށް ހަމަ އެކަނި މި ވާހަކަތައް ބުނެލަން. 
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ޒިޔާދު ވާހަކަ ނިންމާލީ ރައީސް މުއިއްޒުއަށް ނަސޭހަތެއް ދެއްވަމުންނެވެ. އޭނާ ވިދާޅުވީ އެމްޑީޕީ ލައްވާ ވެރިކަން ވައްޓާލަން ނެހެއްދެވުމަށެވެ. އަދި މިއީ އެމްޑީޕީ އިން ވައްޓާލާވަރަށް ވުރެ މާ މުޑުދާރު ވެރިކަމެއް ކަމަށާއި، އެމްޑީޕީއާއި ނުލާ ރައީސް މުއިއްޒު އިސްތިއުފާ ދެއްވާ ވަޑައިގަތުމަކީ އެދޭ ގޮތަށް ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރި މުވައްޒަފުންނާއި، ވަޒީފާ ބަދަލުކުރި މުވައްޒަފުންނަށް އަނބުރާ ވަޒީފާދިނުމަށް ވަނީ ގޮވާލާފަ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީއިން ތިބީ މާގިނަ ދުވަހަކު ތިބޭ ގޮތަކަށް ނޫން ކަމަށާއި، އެމްޑީޕީ އޮތީ މާ ގަދަކޮށް ކަމަށެވެ.