ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ދިއުމާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ބުރާސްފަތި ދުވަހުވެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުން އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ އެވެ.

މާލޭގައި ބޭއްވި މި ހިނގާލުން ފަށާފައިވަނީ ރަސްފަންނު ސަރަހައްދުންނެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުން ފެށި މި އިހުތިޖާޖުގެ ބައިވެރިން ވަނީ ބޭރުމަގުން އައިސް އަމީނީ މަގަށް ވަދެ، އެ މަގުން ހިނގާލުމަށްފަހު އާޓިފިޝިއަލް ބީޗް ސަރަހައްދަށް އެއްވެ އިހުތިޖާޖު ނިންމާލާފަ އެވެ. މި ހިނގާލުމުގައި އެމްޑީޕީގެ އިސްވެރިންނާއި، އާންމު މެންބަރުންގެ އިތުރުން ވަޒީފާއިން ވަކިކޮށްފައިވާ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެ އެވެ.

އިހުތިޖާޖުގެ ބައިވެރިން ދިޔައީ ނުހައްގުން ވަޒީފާއިން ކަނޑާލި މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށާއި، ސަރުކާރު ޒިންމާދާރުވުމަށް ގޮވާލާ އަޑުއުފުލަމުންނެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުގެ އިސްތިއުފާއަށް ވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.

މި އިހުތިޖާޖުގައި އެމްޑީޕީން ބުނީ، ރައީސް މުއިއްޒުގެ ސަރުކާރުން ވަޒީފާއިން ކަނޑާލި ހުރިހާ މުވައްޒަފުންގެ ހައްގުގައި އެ ޕާޓީން ދެގޮތެއްނުވެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އެ ޕާޓީން ވަނީ ދީފަ އެވެ. އެމްޑީޕީން އިތުރަށް ބުނެފައިވަނީ، ކުރިއަށް އޮތް އެމްޑީޕީގެ ވެރިކަމެއްގައި، މި ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރި ހުރިހާ މުވައްޒަފުންނަށް އަލުން ވަޒީފާ އިއާދަކޮށްދޭނެ ކަމަށެވެ.

ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ މި އިހުތިޖާޖުތަކުގެ އިތުރުން، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރާ ފަރާތްތަކަށާއި، ސިޔާސީ ދައުވާތައް އުފުލާފައިވާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ނިޒާމެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެމްޑީޕީން ވަނީ ހާމަކޮށްފަ އެވެ. އެމްޑީޕީން ވަނީ ސަރުކާރުގެ މިފަދަ އަމަލުތަކާ ދެކޮޅަށް ހުރިހާ ރައްޔިތުން އަޑުއުފުލުމަށް ވެސް ގޮވާލާފަ އެވެ.