ސަރުކާރުން ކުރިއަށްގެންދިޔަ ހައުސިން މަޝްރޫއުތަކަކަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ބިޑުތަކެއް ނޭޝަނަލް ޓެންޑާ ބޯޑުން ބާތިލްކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމްތަކަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
މި މަހުގެ 15 ވަނަ ދުވަހު ހައި ކޯޓުން މިގޮތަށް ނިންމީ، ސިވިލް ކޯޓުން 2022 އަދި 2023 ވަނަ އަހަރު ދައުލަތާ ދެކޮޅަށް ކުރި ހުކުމްތައް ދައުލަތުން އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ. މި މައްސަލަ ބެއްލެވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ ދަށު ކޯޓުގެ ނިންމުން ބާތިލްކުރަންޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
މި މައްސަލައަކީ ހދ. ހަނިމާދޫގައި 100 ހައުސިން ޔުނިޓް، ހދ. ނޮޅިވަރަންފަރުގައި 100 ހައުސިން ޔުނިޓް އަދި ތ. ވިލުފުށީގައި 64 ހައުސިން ޔުނިޓް ނިންމުމާއި އަލަށް އިމާރާތްކުރާ 36 ހައުސިން ޔުނިޓްގެ މަސައްކަތަށް އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއިން ހުށަހެޅި ބީލަންތަކަކާ ގުޅޭ މައްސަލައެކެވެ. އެސްޖޭގެ ބިޑުތައް ނޭޝަނަލް ޓެންޑާ ބޯޑުން ޑިސްކޮލިފައި ކުރީ "އެމްޕްލޯޔާސް ރިކުއާމެންޓް" އާއި "ފައިނޭންޝަލް ރިސޯސާސް ރިކުއާމެންޓް" ފުރިހަމަނުވާ ކަމަށް ބުނެ އެވެ. އަދި އެ ކުންފުނިން ހުށަހެޅި ލެޓާ އޮފް ކްރެޑިޓް، ފައިނޭންޝަލް ރިސޯސަސްގެ ގޮތުގައި ބަލައިނުގަތުމަށް ވެސް ޓެންޑާ ބޯޑުން އޭރު ނިންމި އެވެ.
ޓެންޑާ ބޯޑުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން އެސްޖޭ އިން އެ މައްސަލަ މުސްތަގިއްލު ރިވިއު ކޮމިޓީއަށް ހުށަހެޅުމުން، އެ ކޮމިޓީން ނިންމީ އެސްޖޭގެ ބިޑުތަކަކީ ޝަރުތު ހަމަވާ ސައްހަ ބިޑުތަކެއް ކަމަށެވެ. އަދި ބޭންކް އޮފް ސިލޯނުން ދޫކޮށްފައިވާ ލިޔުމަކީ ކުންފުނީގެ ނަން ބަދަލުވުމުގެ ކުރިން ދޫކޮށްފައިވާ ލިޔުމެއް ނަމަވެސް، އެއީ ސައްހަ ލިޔުމެއް ކަމަށް ކޮމިޓީން ކަނޑައެޅި އެވެ. އެހެންކަމުން އެސްޖޭގެ ބިޑުތައް ހިމަނައިގެން އަލުން އިވެލުއޭޝަން ކުރިއަށް ގެންދަން ޓެންޑާ ބޯޑަށް އެންގި އެވެ. ނަމަވެސް ޓެންޑާ ބޯޑުން ވަނީ ކޮމިޓީގެ އެ ނިންމުމަށް އަމަލުނުކޮށް، މަސައްކަތްތައް އެހެން ބަޔަކާ ހަވާލުކުރަން ނިންމައިފަ އެވެ.
ސިވިލް ކޯޓުން މި މައްސަލަ ބެލުމަށްފަހު ނިންމީ ޓެންޑާ ބޯޑުން އަމަލުކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އެސްޖޭގެ ބިޑުތައް ބާތިލްކޮށްގެން މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީ، އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު އެސްޖޭ އަށް ލިބިގެންވާ ކަމަށް ކޯޓުން ކަނޑައެޅި އެވެ. ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރަމުން ބުނީ، ރިވިއު ކޮމިޓީގެ ނިންމުން ޓެންޑާ ޑޮކިއުމެންޓާ ހިލާފު ކަމަށާއި، ބައެއް މަޝްރޫއުތައް މިހާރު ތިންވަނަ ފަރާތަކަށް އެވޯޑްކޮށްފައިވާތީ ކޯޓުގެ ހުކުމް ތަންފީޒުކުރަން އުނދަގޫވާނެ ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދުގެ ދަށުން އުފައްދާފައިވާ މުސްތަގިއްލު ރިވިއު ކޮމިޓީގެ ނިންމުން ބަދަލުކުރުމުގެ ބާރު ނޭޝަނަލް ޓެންޑާ ބޯޑަށް ލިބިގެން ނުވާ ކަމަށެވެ. އަދި މަޝްރޫއު އެހެން ބަޔަކާ ހަވާލުކޮށްފައި އޮތުމަކީ ކޯޓުން ނަގައިދޭ ފަރުވާއިން ބަރީއަވެވޭނެ އުޒުރެއް ނޫން ކަމަށް ވެސް ފަނޑިޔާރުން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ނޫން ކަމަށް ވެސް ހައި ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
މި ހުކުމާއެކު، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އުފައްދާފައިވާ ބީލަމުގެ މައްސަލަތައް ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީގެ ނިންމުންތަކަކީ ނޭޝަނަލް ޓެންޑާ ބޯޑުން ތަބާވުން ލާޒިމް ނިންމުންތަކެއްކަން ގާނޫނީގޮތުން ވަނީ ކަށަވަރުވެފަ އެވެ. އެހެންކަމުން، މި މަޝްރޫއުތަކާ ގުޅިގެން އެސްޖޭ އަށް ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ފުރުސަތު އެ ކުންފުންޏަށް މިހާރު ވަނީ ފަހިވެފަ އެވެ.