ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ޤަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، ބުދަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ވަނީ ހިންގާފަ އެވެ. މި އޮޕަރޭޝަން ހިންގީ، މާލޭ ކޮމާޝަލް ހާބަރުގަ އެވެ.
މިއޮޕަރޭޝަންގައި "ޖެނެރަލް ކާގޯ"ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާ ފާސްކުރިއިރު، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. އެގޮތުން ޖުމްލަ 5،600 ވޭޕް ކާޓްރިޖު ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
މީގެ އިތުރުން ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، ޖޫން 14 އަދި 15 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި،ޚާއްސަ އޮޕަރޭޝަނެއް ވަނީ ހިންގާފަ އެވެ.
މިއޮޕަރޭޝަންގައި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން، ޕޮޓޭޓޯ ޗިޕްސް ދަޅު އަދި ޗޮކްލެޓް ޕައުޑަރ ޕެކެޓުތަކުގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ވަނީ ފެނިފަ އެވެ. މިގޮތުން ޖުމްލަ 1،108 ވޭޕް ކާޓްރިޖް އަދި 27 ޑިވައިސް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
މި މައްސަލަ މިހާރު ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.