އަދަދު ނޫހުން ތައްޔާރުކޮށް ނެރުނު ޑޮކިއުމަންޓްރީއަކާ
ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރު ނުވަތަ އަނގަބަންދު އަމުރުގެ އިސްތިއުނާފު
މައްސަލަ ހައިކޯޓުގައި ތާވަލުކޮށްފިއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގެ
އަޑުއެހުމެއް ބޭއްވުމަށް ހައިކޯޓުން މިހާރު ނިންމާފައިވަނީ 2026 ވަނަ އަހަރުގެ ޖޫން
މަހުގެ 29 ވަނަ ދުވަހަށެވެ.
މި މައްސަލައަކީ އަދަދު ނޫހުން ނެރުނު ޑޮކިއުމަންޓްރީއަކާ
ގުޅިގެން، އެ ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރ
ހަސަން މުހައްމަދުގެ މައްޗަށް ދައުވާ އުފުލައި، އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން
މައުލޫމާތު ފެތުރުން މަނާކޮށް ނެރުނު އަމުރާ ގުޅޭ މައްސަލައެކެވެ. މި އަމުރު ހައިކޯޓުގައި
އިސްތިއުނާފު ކޮށްފައިވަނީ ދައުވާ ލިބޭ ހުސައިން ފިޔާޒް މޫސާގެ ފަރާތުންނެވެ.
މި އަމުރު ބާތިލުކުރުމަށް އެންމެ ފުރަތަމަ ހައިކޯޓަށް
ހުށަހެޅީ ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް
ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންނެވެ. ނަމަވެސް އެ ފަހަރު ހައިކޯޓުން ވަނީ
އެ މައްސަލަ ބޭރުކޮށްލާފައެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން އޭރު
ނިންމި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ގެގް އަމުރު ނިސްބަތްވާ އަސްލު މައްސަލައިގައި
ހިމެނޭ ޚަޞްމަކަށް އެމްޖޭއޭ ނުވާތީ، އެ ޖަމިއްޔާއަށް އެ އަމުރު އިސްތިއުނާފު ކުރުމުގެ
ގާނޫނީ ހައިސިއްޔަތު ނެތް ކަމަށެވެ.
އެމްޖޭއޭ އިން ހުށަހެޅި މައްސަލަ ބޭރުކޮށްލުމާ
ގުޅިގެން، މި މައްސަލައިގައި ސީދާ ދައުވާ އުފުލާފައިވާ އަދަދު ނޫހުގެ ސީއީއޯ ހުސައިން
ފިޔާޒް މޫސާގެ ފަރާތުން މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން، ހައިކޯޓުން މިހާރު މި
ވަނީ އެ މައްސަލަ ބަލައިގަނެ، މައްސަލަ ތާވަލުކޮށްފައެވެ.
މި މައްސަލައަކީ ނޫސްވެރިކަމާއި ހިޔާލު
ފާޅުކުރުމުގެ މިނިވަންކަމާ ގުޅުންހުރި މުހިންމު މައްސަލައެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ކޯޓުން ނެރެފައިވާ މި އަމުރުގެ ސަބަބުން، ކަމާގުޅޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް
ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.