ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން ކަމަށް ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔައުގޫބް ވިދާޅުވީ، ރައީސް މުއިއްޒު ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެކަމާ ވަރަށް ބޮޑަށް އެމަނިކުފާނު ޑެސްޕަރޭޓްވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުގެ އެކިއެކި ކުންފުނިތަކުގައި މަސައްކަތް މުވައްޒަފުންނާއި، ސިވިލް ސަރވިސް މުވައްޒަފުންނަށް ވެސް ބިރު ދެއްކުމުގެ މަސައްކަތް ކުރަނީ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޔައުގޫބް ވިދާޅުވީ މިސަރުކާރަށް 3 ވާންދާއިރު، މިސަރުކާރަކީ އެންމެ އަވަހަށް ރައްޔިތުންގެ މެދުގައި އެންމެ އަވަހަށް މަގުބޫލުކަން ވެއްޓުނު ސަރުކާރު ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެއްވެސް އިންތިޚާބެއް ރައީސް މުއިއްޒުގެ ސަރުކާރަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. 

މުވައްޒަފުންނަށް ޚާއްސަކޮށް ބިރު ދައްކާ އެގޮތަށް ތްރެޓް ކުރާނީ އެއީ އެ ސަރުކާރެއްގެ ނޫނީ އެ ރައީސްއެއްގެ މަގުބޫލުކަން އިންތިހާއަށް ދަށްވުމުން އިންތިހާއަށް ވެއްޓެމުން ދިޔާމަވާކަންކަން. ދެން ހަމައާއެކު މިސަރުކާރުގައި ވަޒީފާ އަދާ ކުރާ ފަރާތްތަކުން ވެސް ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރާ ގޮތުގައި މިސަރުކާރަކީ ކުރިއަށް އޮތްތަނުގައި ދެވަނަ ފަހަރަށް އިންތިޚާބުވާނެ ސަރުކާރެއް ނޫންކަން ރާއްޖޭގެ ހުރިހާ އެންމެން އެބަ ގަބޫލުކުރޭ. އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުން ވެސް އަދި ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ ބޭފުޅުން ވެސް އެހެނިހެން މުވައްޒަފުން ވެސް ހަމަ އެކަން ގަބޫލުކުރޭ. އަދި ޚާއްސަކޮށް އާއްމު ރައްޔިތުން. 
ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ 

ވަޒީފާގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވައި ޔައުގޫބް ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދިޔަ ޗެއަރޕާސަން ކެންޕޭންގެ ތެރޭގައި މުޅި ރާއްޖެއިން މި މަންޒަރު ފެނުނު ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދެންނެވުމަށް ނުކުންނަ ރައްޔިތުންނަށް ބިރު ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.